الحمد لله والصلاة والسلام على رسول الله
ﷲ ތަޢާލާ އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން ބައެއް މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް މާތް ކުރެއްވިއެވެ. އަދި އެއްބައި މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް ދަރަޖަ ތަކަކަށް އުފުއްލެވިއެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ﴾
"އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ." سورة الزخرف 32
އަދި ﷲ ތަޢާލާގެ ފަޟްލަވަންތަކަމުން ބައެއް ދުވަސްތައް އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެ ދުވަސްތަކުގެ ތެރެއިންވެސް ބައެއް ދުވަސްތައް ޚާއްޞަކުރެއްވިއެވެ. އެއީ އެ ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުގެ ޘަވާބު އިތުރު ކުރެއްވުމުންނެވެ. އެއީ އަޅުތަކުންގެ ޢަޒުމު އައު ކުރައްވައި ހެޔޮ ކަންތަކުގައި ކުރިއަރައި ދިއުމަށްޓަކައެވެ.
ﷲ ތަޢާލާ މާތްކުރެއްވި ދުވަސްތަކުގެ ތެރެއިން ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސް ހިމެނެއެވެ. މި ދިހަ ދުވަސް ގަންދެއްވައި އެކަލާނގެ ވަނީ ޤުރުއާނުގައި ބަސް ވަޙީ ކުރައްވާފައެވެ.
﴿وَٱلۡفَجۡرِ * وَلَيَالٍ عَشۡرٖ﴾
"ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." سورة الفجر 2,1
ޢިލްމުގެ އަހުލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި މި އާޔަތުގައި މިވަނީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ.
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއިމެދު މާތް ނަބިއްޔާ صلى الله عليه وسلم ވެސް ވަނީ ހެކިވެވޮޑިގެންފައެވެ. މި ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލު އެހެން ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލަށްވުރެ މާތްވެގެންވެއެވެ.
ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން އިބްނު ޢައްބާސް (رضي الله عنه) ރިވާކުރެއްވިއެވެ.
(مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ)، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ)
"ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށްވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ."
އެކަލޭގެފާނަށް ސުވާލުދެންނެވުނެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށް ހެއްޔެވެ؟"
އެކަލޭގެފާނު ޙަދީޠް ކުރެއްވިއެވެ. "ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ."
-رواه الترمذي وصححه الألباني-
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
(مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلاَ أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ)
"މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވެގެންވާ، އަދި ހެޔޮ ޢަމަލުކުރުން އެއިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލާއި، ތަކްބީރާއި، ތަޙްމީދު ކިޔުން ގިނަކުރާށެވެ."
-رواه أحمد بإسناد صحيح-
އަދި މި ދުވަސްތަކުގައި ޢަރަފާތް ދުވަސްވެއެވެ. ޢަރަފާތް ދުވަހަކީ ފާފަތައް އަފޫ ކުރެއްވުމުގެ ދުވަހެވެ. އަދި އެއީ ﷲ ތަޢާލާ ދީން ފުރިހަމަ ކުރެއްވި ދުވަހެވެ.
ﷲ ވަޙީ ކުރެއްވިއެވެ. (ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ﴾
"މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."
سورة المائدة 3
ޢަރަފާތް ދުވަހާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو، ثُمَّ يُبَاهِي بِهِمِ الْمَلَائِكَةَ، فَيَقُولُ: مَا أَرَادَ هَؤُلَاءِ؟)
"ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާގެ އަޅުތަކުންކުރެ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާ ދުވަހެއްނުވެއެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި ފަޚުރުވެރިވެވޮޑިގަންނަވާފައި، މަލާއިކަތުންގެ އަރިހުގައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟"
رواه مسلم
އަދި މި ދުވަސްތަކުގައި ނަޙްރުގެ ދުވަސްވެއެވެ. ނަޙްރުގެ ދުވަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މި ދުވަހާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(أفضل الأيام عند الله يوم النحر ثم يوم القر)
"ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮވެގެންވާ ދުވަހަކީ ނަޙްރުގެ ދުވަހެވެ. އެއަށްފަހު ޤައްރުގެ ދުވަހެވެ."
رواه أبو داود
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެހެން އެއްވެސް ދުވަސްތަކެއްގައި ޖަމާ ނުވާ ބޮޑެތި އަޅުކަންތައްތަކެއް ޖަމާވާ ދުވަސްތަކެކެވެ. ނަމާދާއި، ރޯދައާއި، ޞަދަޤާތާއި، އަދި ޙައްޖު ހިމެނެއެވެ.
ހެޔޮކަމާއި ﷲ ތަޢާލާގެ ފުއްސެވުމުން ފުރިގެންވާ މި ދުވަސްތަކާއި ފާފަތަކުން ތަޥްބާ ވެގެންވާ ޙާލު ކުރިމަތިލާށެވެ. ދުނިޔޭގެ ޙަޔާތަކީ ޢަމަލު ކުރުމުގެ ތަނެވެ. އޭ އަޚާއެވެ. ވެހޭތާ ފެންނަގާށެވެ.
أسأل الله أن يوفقنا إلى اغتنام مواسم الخير