ރ. އަތޮޅު ރިސޯޓުތަކަށްވެސް ދުވަސްވީ ބޭފުޅުންގެ ފުޓްސަލް މުބާރާތެއް ބާއްވަނީ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 ހަފްތާ ކުރިން
1 މިނިޓް

ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އާރްޑީއޭ) އިން އިސްނަގައިގެން ރ. އަތޮޅުގެ ރަށްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، "ރ. ވެޓެރަންސް ފުޓްސަލް ޗެލެންޖު 2025"ގެ ނަމުގައި ދުވަސްވީ ބޭފުޅުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު، ހަމަ އެ ދުވަސްވަރު ރ. އަތޮޅުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދުވަސްވީ ބޭފުޅުންނަށްވެސް ފުޓްސަލް މުބާރާތެއް ބާއްވާގޮތަށް އާރު.ޑީ.އޭއިން ވަނީ ނިންމާފައެވެ.

ރ. އަތޮޅު ރަސްމާދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ހާއްސަ ކުރެވިފައިވަނީ ރ. އަތޮޅުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ކުޅުންތެރިންނަށެވެ. އަދި މި މުބާރާތް އިންތިޒާމު ކުރައްވާ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ ރިސޯޓަކުންވެސް ބައިވެރިވެވޭނީ، އެރިސޯޓެއް ތަމްޞީލުކުރާ އެއް ޓީމަކަށެވެ. ކޮންމެ ޓީމެއްގައި، 35 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދީފައިވާއިރު، ދެން ލިސްޓުގައި ހިމެނޭނީ 39 އަހަރުން މަތީގެ ކުޅުންތެރިންނެވެ.

މިއަހަރުގެ ކޮންމެ މަހެއްގައި 39 އަހަރުވާ ކުޅުންތެރިންވެސް، އެއީ 39 އަހަރުން މަތީގެ ކުޅުންތެރިންގެ ގޮތުގައި ހިމެނޭނެކަމަށް އާރު.ޑީ.އޭ އިން މައުލޫމާތުދެއެވެ. 

ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އާރްޑީއޭ) އިން އިސްނަގައިގެން ފަށާ މި މުބާރާތް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ގަސްދުކުރާއިރު، މި އަހަރުގެ މުބާރާތް، ރަސްމާދޫ ކައުންސިލާއި ގުޅިގެން ފަށަން ތާވަލުކޮށްފައިވަނީ، ޖުލައި 1 ވަނަ ދުވަހު އެވެ. މިއަހަރުގެ މުބާތާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މި މުބާރާތާ ގުޅޭގޮތުން ރ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަށްވެސް މިހާރު ސިޓީ ފޮނުވާފައިވާއިރު، މި މުބާރާތާގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅާނެ ނަމްބަރަކީ، 9698745 އެވެ.

Copyright © 2025 Faaru News
Made with by Afeef & Noor