ތިބާއަށް ހަމަ ކެތްވާނެ ހެއްޔެވެ؟

ފޮޓޯ: ފްރީޕިކް / ninjason1
އާސިޔާ
އާސިޔާ
3 އަހަރު ކުރިން
1 މިނިޓް

ތަސައްވަރު ކޮއްލަށްވާށެވެ. މީގެ ދުވަސްތަކެއް ފަހުން ތިބާގެ ދަރިން ގޮވައިގެން މިސްކިތަށް ދާހިނދު މަގުގެ އަނެއް ކޮޅުން ބަޔަކު ފައްޅިއަށް ވަދެ އަޅުކަން ކުރާ ތަން ބަލަން ތިބާއަށް ހަމަ ކެތް ވާނެ ހެއްޔެވެ؟ ތިބާގެ ދަރިން ގޮވައިގެން ހަވީރު ފިންޏަށް ބޭރަށް ނިކުންނަ ހިނދު, ފާޙިޝް ޢަމަލް ހިންގަން މަގުމަތީ ބަޔަކު ތިބޭ ހިނދު ތިބާގެ ދަރިންނަށް އެމަންޒަރު ދައްކަން ތިބާގެ ހިތް ރުހޭނެ ހެއްޔެވެ؟ ތިބާގެ ހިތަށް ހަމަ ކެތް ވާނޭ ހެއްޔެވެ؟ އެއްޖިންސުން ގުޅުން ހިންގާ މީހުން ފާޅުގައި މުޖުތަމަޢު ތެރޭ އުޅޭ ހިނދު އެމަންޒަރުތައް ތިބާގެ ދަރިން ބަލަން ތިބާއަށް ހަމަ ކެތް ވާނެ ހެއްޔެވެ؟

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އަނިޔާ ލިބެމުންދާ ތިބާގެ މުސްލިމު އަޚުންނާއި އުޚުތުންގެ ދިފާޢުގައި ބަހެއްވެސް ނުބުނެ ހަނު ހުންނަން ތިބާ އަށް ހަމަ ކެތްވާނެ ހެއްޔެވެ؟ އެހެން ދީންތަކަށް ދަޢުވަތު ދޭ ހިނދު އެކަމާ ދެކޮޅު ހަދާ މަނާ ކުރުމުގެ ހައްޤު ގެއްލި ނިކަމެތި ކަމުގެ ފިޔަ ތިރިކޮށްގެން ހުންނަން ތިބާއަށް ހަމަ ކެތްވާނެ ހެއްޔެވެ؟ މުންކަރާތްތައް ނަހީ ނުކުރެވި ﷲތަޢާލާގެ ހަޟްރަތުން އައިސްދާނޭ އާންމުވެގެންވާ ޢަޛާބަކަށް ތިބާ ބިރުވެތި ނުވަމު ހެއްޔެވެ؟

ތިބާ އަށް ކެތްނުވާނޭ ކަން ކަށަވަރެވެ. އެހެން ނަމަވެސް މިއީ ޒަމާނުންސުރެ މުސްލިމު ޤައުމެއް ގޮތުގައި އޮތް މި ދިވެހިރާއްޖެ ސެކިއުލާ ޤައުމަކަށް ވެއްޖެ ނަމަ ތިބާއަށް ތަހައްމަލު ކުރަން ޖެހޭނޭ ކަންކަމެވެ. މުންކަރާތްތައް މަނާ ކުރުމުގެ ހައްޤު އާއްމުންނާއި ޢިލްމްވެރިންގެ ކިބައިންވެސް ނިގުޅައިގަނެވޭނެއެވެ. އާއިލާ ދޫކޮށް ޖަލުގައި ދުވަސްތައް ގުނަން ޖެހިދާނޭ ކަމުގެ ބިރަށް ހަނު ހުންނަން މަޖުބޫރު ވެގެންދާނެއެވެ.

މުންކަރާތްތައް ނަހީ ނުކުރުމަކީ ﷲތަޢާލާގެ ރަހްމަތުން ބޭރުވެ އެކަލާނގެ ލަޢުނަތް ހައްޤުވާނޭ ކަމެކެވެ. ﷲތަޢާލާ ވަހީ ކުރައްވާފައިވެއެވެ. لُعِنَ الَّذِينَ كَفَرُ‌وا مِن بَنِي إِسْرَ‌ائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْ‌يَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ‌ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ ” سورة المائدة މާނަ : ” އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވުދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! “

އޭ ލޮބްވެތި އަޚުންނާއި އުޚުތުންނޭވެ. ﷲތަޢާލާގެ ލަޢުނަތް އަޅުގަނޑުންގެ މައްޗަށް ހައްޤު ވުމަކީ ބިރުވެރި ކަމެކެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމަކީ ވާޖިބެކެވެ. އެއީ ޖިހާދެކެވެ. ތިބާގެ ވާޖބު އަދާ ކުރައްވާށެވެ. ހައްޤު ބަސް ބުނުމުގައި ފަސް ނުޖެހޭށެވެ. ޖަލުގެ ހަތަރު ފާރަށް ވުރެ ﷲތަޢާލާގެ ޢަޛާބު ބޮޑުވެގެންވެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor