الحمد لله, والصلاة والسلام على نبينا محمد صلى الله عليه وسلم
މިއީ ޛުލް ޤަޢިދާ މަހާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ އަޅާއަށާއި މި ލިޔުން ކިޔާ ކޮންމެ މީހަކަށްވެސް މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ.
1. ޛުލް ޤަޢިދާ މަހަކީ ހިޖުރީ އަހަރުގެ އެގާރަވަނަ މައްސަރެވެ. އަހަރުގެ ތެރޭގައި ޖެހިޖެހިގެން އަންނަ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ފުރަތަމަ މައްސަރެވެ. ޛުލް ޤަޢިދާ، ޛުލް ޙިއްޖާ އަދި މުޙައްރަމް އެވެ. އޭގެ ފަހުގައި ރަޖަބެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފަވެއެވެ.
( إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُم ) سورة التوبة 36
މާނައީ "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ اللَّه ގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ."
ނަބިއްޔާ صلى الله عليه وسلم ޙަދީތް ކުރައްވާފައިވެއެވެ.
( إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ) رواه البخاري 3197 ومسلم 1679
މާނައީ "ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތައްވަނީ އެނބުރި އައިސްފައެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއްވި ދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެންއަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް މަހެވެ. އަދި ޖުމާދާއާއި ޝަޢްބާންމަހުގެ ދެމެދަށް އަންނަ މުޟަރުގެ މަސް، ރަޖަބް މަހެވެ."
2. ޙުރުމަތްތެރިވެގެންވާ މި މައްސަރުތަކަކީ ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި މައްސަރުތަކެކެވެ.
މި މައްސަރުތަކުގައި ނަފްސަށް އަނިޔާވެރިވުން ﷲ ތަޢާލާ ވަނީ ނަހީކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
( فَلا تَظْلِمُوا فِيهِنَّ أَنْفُسَكُم ) سورة التوبة 36
މާނައީ: "ފަހެ، އެ މައްސަރުތަކުގައި(ޙުރުމަތްތެރިކުރެވިގެންވާ މައްސަރުތަކުގައި) ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ."
އަދި މި މައްސަރުގައި ކުރާ ނުބައިކަންތައްތަކުގެ ފާފަ އެހެނިހެން މައްސަރުތަކުގައި ކުރާ ފާފަތަކަށްވުރެ ބޮޑުވެގެންވެއެވެ.
އެއީ މި މައްސަރުގެ މަތިވެރިކަމުންނާއި ﷲގެ ޙަޟްރަތުގައި މި މައްސަރުގެ ޙުރުމަތުގެ ބޮޑުކަމުންނެވެ. ޤަތާދާ ވިދާޅުވެފައިވެއެވެ.
( إن الظلم في الأشهر الحرم أعظم خظيئة ووزرا من الظلم فيما سواها, وإن كان الظلم على كل حال عظيما, ولكن الله يعظم من أمره ما يشاء ) تفسير الطبري 14/238 تفسير ابن كثير 4/148
މާނައީ: "ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަނިޔާވެރިވުން އެހެނިހެން މައްސަރުތަކުގައި އަނިޔާވެރިވުމަށްވުރެ ފާފައިގެ ގޮތުން ބޮޑުވެގެންވެއެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުމަކީ އޭގެ ޒާތުގައިވެސް ޙަރާމްކަމަކަށް ވީ ހިނދުވެސް، ކަންތައްތަކުގެ ތެރެއިން، ﷲ ތަޢާލާ އެއިލާހު އިރާދަކުރައްވާ ކަމެއް މަތިވެރިކުރައްވައެވެ."
3. ޛުލް ޤަޢިދާ މަހަކީ ޙައްޖު މައްސަރުތަކުގެ ތެރެއިންވާ މަހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( ٱلۡحَجُّ أَشۡهُرࣱ مَّعۡلُومَـٰتࣱۚ ) سورة البقرة 197
މާނައީ: "ޙައްޖުގެ ވަޤުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ."
އިބްނު ޢުމަރު رضي الله عنه ވިދާޅުވިއެވެ.
( أشهر الحج: شوال, وذو القعدة, وعشر من ذي الحجة ) علقة البخاري في صحيحيه (2/141) بصيغة الجزم
މާނައީ: "ޙައްޖުގެ މައްސަރުތަކަކީ: ޝައްވާލު، ޛުލް ޤަޢިދާ އަދި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ."
4. ޙުރުމަތްތެރިވެގެންވާ މައްސަރުތައް މަތިވެރިކުރުމާއި އެ މައްސަރުތަކުގެ ޙުރުމަތް ނުކެނޑުން، މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވެއެވެ.
މި މައްސަރުތަކުގައި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދިއުމާއި، ފަރުޟުތަކަށް ރައްކާތެރިވުމާއި ﷲ އާއި އެކަލާނގެ ރަސޫލާގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި އަދި ނަފްސަށް އަނިޔާވެރިވުމުން ދުރުހެލިވުން ހިމެނެއެވެ.
5. ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގެ ގޮތުން ޛުލް ޤަޢިދާ މަހު ޢުމްރާވުން މުސްތަޙައްބުވެގެންވެއެވެ.
ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ވެވަޑައިގަތެވެ. އަދި ހަތަރު ޢުމްރާވެސް ވެވަޑައިގެންފައިވަނީ ޛުލްޤަޢިދާ މަހުއެވެ.
6. ޛުލްޤަޢިދާ މަހު ކުރާ ޢުމްރާގެ އަޅުކަން އެހެން މައްސަރު ކުރާ ޢުމްރާގެ އަޅުކަމަށްވުރެ މާތްވެގެންވެއެވެ.
އެއީ ރަމަޟާންމަސް ފިޔަވައެވެ. ނަމަވެސް ބައެއް ސަލަފުންގެ ބޭކަލުން ޛުލް ޤަޢިދާ އަދި ޝައްވާލް މަހު ކުރާ ޢުމްރާ ރޯދަމަހު ކުރާ ޢުމްރާގެ މައްޗަށް މަތިވެރި ކުރައްވައެވެ. މީގެ ތެރޭގައި އިބްނު ޢުމަރު އަދި ޢާއިޝަތު رضي الله عنهم އަދި ޢަޠާއު رحمه الله ހިމެނިވަޑައިގަންނަވައެވެ.
(ބައްލަވާ: لطائف المعارف لابن رجب ص259)
7. ޛުލް ޤަޢިދާ މަހުގައި ރޯދަހިފުން ސުންނަތްވެގެންވެއެވެ. ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރަކަށް ވާތީއެވެ.
އެހެންނަމަވެސް އިތުރު މާތްކަމެއް ނުވަތަ އަޖުރު އިތުރު ވެދާނެކަމަށް ޤަބޫލުކުރުމަކާއި ނުލާއެވެ. ބައެއް ސަލަފުންގެ ބޭކަލުންގެ ފަރާތުން މި މައްސަރު ރޯދަ ހިއްޕެވިކަމަށް އައިސްފައިވެއެވެ. މީގެ ތެރޭގައި އިބްނު ޢުމަރު رضي الله عنهما، ޙަސަނުލް ބަޞަރީ އަދި ސުފްޔާނުއް ޘައުރީ رحمهما الله ހިމެނި ވަޑައިގަންނަވައެވެ.
(ބައްލަވާ: لطائف المعارف لابن رجب ص119، والموسوعة الفقهية 28/95)
8. ޞުލްޙުލް ޙުދައިބިއްޔާ ހިނގާފައި ވަނީވެސް ހިޖްރީގޮތުން 6 ވަނަ އަހަރުގެ ޛުލް ޤަޢިދާ މަހުގައެވެ.
(ބައްލަވާ: السيرة النبوية لابن هشام 2/308)
ﷲ ވަޙީކުރައްވާފައިވެއެވެ.
( إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا ) سورة الفتح 1
މާނައީ: "ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ."
އަނަސް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. މި އާޔަތް ބާވައިލެއްވުނީ ޞުލްޙުލް ޙުދައިބިއްޔާ އާއި ގުޅޭގޮތުންނެވެ. (رواه البخاري) އަދި ގިނަ ތަފްސީރު ޢިލްމުވެރިންގެ ބަހަކީވެސް މިއީއެވެ. (ބައްލަވާ: تفسير البغوي 7/296 وابن كثير 7/325)
أسأل الله أن يوفقنا لاغتنام هذا الشهر في طاعته وسائر شهور العام