އަލަށް އިންތިޙާބުވި ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުން މަސައްކަތުގެ މައްސޫލިއްޔަތާއި ހަވާލުވެވަޑައިގެންފި

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

ހުޅުދުއްފާރު ކައުންސިލް އިދާރާގެ 4 ވަނަ ދައުރަށް އިންތިޙާބުވި ކައުންސިލް މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަސައްކަތުގެ މައްސޫލިއްޔަތާއި ހަވާލުވެވަޑައިގެންފިއެވެ.

ކައުންސިލް މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 9:30ގައި ހުޅުދުއްފާރު މަތާރަން މާލަމުގައެވެ. ކޮވިޑް-19ގެ ސަބަބުން، ރަށް މޮނިޓަރިން ހާލަތަށް ލާފައިވުމުން، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާންމުންނަށް ނުވަދެވޭ ގޮތަށެވެ. އެހެންނަމަވެސް، މި ރަސްމިއްޔާތުވަނީ ފާރު.އެމްވީ މެދުވެރިކޮށް ލައިވް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި އަންހެނުންގެ ކޮމިޓީއަށް އިންތިޙާބުވި މެންބަރުންވެސް ވަނީ އަންހެނުން ކޮމިޓީ ހިންގުމުގެ މައްސޫލިއްޔަތާއި ޙަވާލުވެ، އިޤްރާރުގައި ސޮއިކޮށްފައެވެ.

ރަސްމިއްޔާތު ނިންމާލުމަށްފަހު، ރ. ހުޅުދުއްފާރު ކައުންސިލްގެ މި ދައުރުގެ ނައިބް ރާއީސަކު ހޮވުމަށް، އަލަށް ހޮވުނު ކައުންސިލް މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓު ނެގުންއޮތެވެ. މި ވޯޓުން މި ދައުރުގެ ނައިބް ރައީސަކަށް ހޮވިފައިވަނީ، އިބްރާހީމް ޝިފާޒުއެވެ.

އެއަށްފަހު ވަނީ އަންހެނުން ކޮމިޓީގެ ރައީސާ އަދި ނައިބު ރައީސާވެސް ހޮވާފައެވެ. ރައިސާއަކަށް ހޮވިފައިވަނީ، ނަޠީމާ ޢަބްދުއްރަޙްމާނެވެ. އަދި ނައިބު ރައީސާއަކަށް ހޮވިފައިވަނީ، އާމިނަތު މަލީހާއެވެ.

އަދި ނިމުނު ކައުންސިލްގެ ރައީސް، ޢަލީ ޖާވިދު ވަނީ، ކައުންސިލް ހިންގުމުގެ މައްސޫލިއްޔަތުތައް، އަލަށް ހޮވުނު ކައުންސިލްގެ ރައީސް، މުޙައްމަދު އާޠިފްއަށް ޙަވާލުކޮށްފައެވެ.  

ހުޅުދުއްފާރު ކައުންސިލް އިދާރާގެ ހަތަރުވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުން އަދި  އަންހެނުންގެ ކޮމިޓީގެ މެންބަރުން  އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ފީޑް:

https://fb.watch/5xR01hzd4C

ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، އާ ދައުރުގެ ރައީސްވަނީ ފާރު.އެމްވީ މެދުވެރިކޮށް ރައްޔިތުންނާއި މުޙާތަބުކުރައްވާފެއެވެ.

ކައުންސިލް އިދާރާގެ 4 ވަނަ ދައުރުގެ ރައީސް ރައްޔިތުންނާއި މުޙާތަބު ކުރުންް:

https://fb.watch/5xRqc0hcho

މި ދައުރުގައި ކައުންސިލަށް ހޮވުނު ޓީމަށް، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވުނު މެންބަރުންނަށް މަރުޙަބާ ދަންނަވަމެވެ. އަޅުގަނޑުމެންގެ އުންމީދަކީ، ތިޔަބޭފުޅުންގެ ދައުރުގައި ރަށަށް އިތުރު ކުރިއެރުމާއި ކާމިޔާބު ލިބުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ ބޭފުޅުންގެ މަސައްކަތްތައް ފަސޭހަ ކޮށްދެއްވާ، މަސައްކަތުގައި ބަރަކާތަލައްވާށިއެވެ. އާމީން.

Copyright © 2024 Faaru News
Made with by Afeef & Noor