ކިއުޓް ޖަމްޢިއްޔާގެ މަސްރޭހުގައި 10 ޓީމެއް ބައިވެރިވޭ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
5 މަސް ކުރިން
1 މިނިޓް

ކިއުޓް ޖަމުޢިއްޔާއިން މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބައްވާ މަސްރޭހުގައި 10 ޓީމަކުން ބައިވެރިވެއެވެ. އެއީ އަނގޮޅިތީމުގެ 5 ޓީމަކާއި، ހުޅުދުއްފާރުގެ 4 ޓީމު އަދި ރަސްގެތީމު ޓީމެކެވެ. ރ. އަތޮޅު ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، އަދި ހުޅުދުއްފާރަށް އަމާޒުކޮށް ބާއްވާ މި މަސްރޭސް ކުރިއަށްދާނީ 16 ޑިސެމްބަރ 2023ވާ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތުގައި އަނގޮޅިތީމުން ބައިވެރިވާ ޓީމުތަކަކީ، ދޮންމަސް ޓީމު، އުދަރެސް، ކަނޑުރޯދި، އޮއިވާލި، އަދި ކަނޑުފަތިއެވެ. ހުޅުދުއްފާރުން ބައިވެރިވާ ޓީމުތަކަކީ، ބާކޫތު، ފޭވަރިޓް، ފަން ވިތް ފިޝް، އަދި އިމޭޖިނޭޝަންއެވެ. ރަސްގެތީމުން ބައިވެރިވަނީ ނަނު އޮޅުވާލި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނާއި، އިޖްތިމާޢީ ރޫޙް އާލާކުރުމުގެ އިތުރުން، މަސްވެރިންގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި ބާއްވާ މި މަސްރޭހުގެ އެއް ވަނަ އަށް ދާ ޓީމަކަށް 7000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. 1 ވަނަ ޓީމްގެ ގޮތުގައި ހޮވޭނީ މަސްރޭހުގައި އެންމެ ގިނަ ކިލޯ މަސް ބާނާ ޓީމަކުންނެވެ. މީގެ އިތުރުން 2ވަނަ ޓީމަށް 5000 އަދި 3ވަނަ ޓީމަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުންވެސް މުބާރާތުގެ އެންމެ ބޮޑު މަސް (އެންމެ ބަރު މަސް) ބާނާ ފަރާތަކަށް 1000 ރުފިޔާއާއި، މުބާރާތުގެ އެންމެ ގިނަ މަސް ބާނާ ޓީމަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތައް މަހަށް ފުރުން 16 ޑިސެމްބަރ 2023ވާ ހޮނިހިރު ދުވަހު މެންދުރު ފަހު 2:00ގައި ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުން އެ ރޭ 09:00ގައި އަނގޮޅިތީމް ބަނދަރަށް އަންނަން ވާނެއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ޓީމް ދިދައަކާއި، ކުލަ އަދި ޖޯޒީއެއް ބޭނުންކުރަންޖެހޭ އިރު، 16ވަނަ ދުވަހު މެންދުރު ފަހު 01:00އަށް އަނގޮޅިތީމް ކައުންސިލް ކުރިމައްޗަށް ހާޒިރުވާން ޖެހެއެވެ.

މި މަސްރޭސް ލައިވްކޮށް "އަލިފުށިލައިވް"އިން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor