ޢިލްމު އުނގެނުމަކީ، ތައްޤީއާއި ތަހުޒީބުގެ ބިންގަލެވެ. ތަންދޮރު ފިލުވާލުމުގެ އަޞްލެވެ. ޖާހިލުކަމުން އިންސާނާ ދުރުކުރާ ވެކްސިނެވެ. ދުރުދައްކައިދޭ ދުރުމިއެވެ. ނޭއްގާނީ ބާރުތަކުން ތިމާއަށް ރައްކާތެރިކަން ހޯދާއިދޭ އައްޑަނައެވެ. ބާޠިލުކަންކަމުން ޙައްޤަށް ވާޞިލުވުމަށް މަގުދައްކައިދޭ ނޫރެކެވެ. ތިމާގެ އީމާންކަން ފުރިހަމަކޮށްދޭ ވަޞީލަތެކެވެ. އިސްލާމްދީނުގައި ޢިލްމަށް މަތިވެރި މަޤާމަކާއި ޤަދަރެއް ދެއްވާފައިވަނީ މިހެންވެގެންނެވެ. ހިރާފަރުބައިގެ ހޮހަޅާގައި ކީރިތި ރަސޫލާ އިންނަވަނިކޮށް ފުރަތަމަ ބާވައިލެއްވުނު ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ކިޔެވުމަށް އަމުރުކުރައްވާފައިވުމުން އުނގެނުމާއި އުނގަންނައި ދިނުމުގެ މުހިއްމުކަމާއި އިސްލާމްދީނުގައި ޢިލްމަށް ދެއްވާފައިވާ މަޤާމުގެ މަތިވެރިކަން ހާމަވެއެވެ. މާތްﷲ ވަހީކުރައްވާފައިވަނީ "اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ. خَلَقَ اْلإِنسَانَ مِنْ عَلَقٍ. اقْرَأْ وَرَبُّكَ الأَكْرَمُ. الَّذِى عَلَّمَ بِالْقَلَمِ. عَلَّمَ ااْلإِنسَانَ مَا لَمْ يَعْلَمْ." (العلق 1-5) މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلم ން އުނގަންނަވައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނަވައިދެއްވިއެވެ.
މިއާޔަތްތަކުގެ މާނައަށް ނަޒަރު ހިންގާލުމުން ހާމަވާ ޙަޤީޤަތަކީ. ﷲ ތައާލާ ކީރިތި ރަސޫލާއަށް އެންމެ ފުރަތަމަ ކުރެއްވި އަމުރުފުޅަކީ ކިޔެވުމަށް ކުރެއްވި އަމުރު ފުޅުކަމެވެ. އަދި ހުރިހާތަކެއްޗެއް ހެއްދެވި ޚާލިޤަކީ ﷲ ތަޢާލާކަމާއި، އެކަލާނގެ އިންސާނާއަށް ޤަލަމުގެ ޒަރީޢާއިން އުނގަންނަވައި ދެއްވިކަމާއި، އިންސާނާ ނުދަންނަތަކެތި އުނގަންނަވައިދެއްވީ ﷲ ތަޢާލާކަމެވެ.
ޤަލަމަކީ، ލިޔުމަށް ބޭނުންކުރާ ކޮންމެ އާލާތެކެވެ. އުނގެނުން އޭގެ މައްޗަށް ބިނާކުރެވޭ ފުރަމަ މަރުހަލާއަކީ ލިޔުމާއި، ކިޔުމެވެ. ޢިލްމުގެ މަތީހަރުފަތްތަކަށް ދަތުރުކުރަނީ މިދެ ވަސީލަތުންނެވެ. މީގެ އިތުރުން ޢިލްމު އުނގެމަށް ބޭނުންވާ ވަޞީލަތްތަކެއް އިންސާނާއަށް މާތްﷲ ދެއްވާފައިވެއެވެ. ސޫރަތުއް ނަޚުލުގެ 78 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمۡ لَا تَعۡلَمُونَ شَیۡـࣰٔا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ" މާނައީ: "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ގޮތުގައިވާ ޙާލު ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ."