އަހަރެމެންގެ މި ކުޑަކުޑަ އިސްލާމީ މުޖުތަމައުގައިވެސް، އިސްލާމްދީނާއި ޚިލާފް މުންކަރާތްތަކަށް ފާޅުގައި އަރައިގަންނަ މީހުން އުޅެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ކޮންމެ އަހަރަކުމެ ތަކުރާރުވާ އަޟްޙާ ޢީދުގައި ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވާ އެކި ފެންވަރުގެ ސްޓޭޖް ޝޯތަކެވެ. މިފަދަ ޝޯތަކުގައި އެކި އެކި ހަރަކާތްތައް ގެންދިޔަ ކަމުގައިވިޔަސް، އާއްމު ގޮތެއްގައި އޮންނަނީ ބޮޑުބެރާއި މިއުޒިކާއި ނެށުމެވެ. މިނޫންނަސް ކުލަޖެހުމުގެ ހިންގޭ މުންކަރާތްތަކާއި އެފަދަ އެތައް ކަމެއް ޢީދުގެ ނަމުގައި ރަށްރަށުގައި ކޮށްއުޅެއެވެ.
މިކަންކަން ރާއްޖޭގައި އާއްމުވެފައިވާ މިންވަރަކީ މިއީ އިސްލާމީ މުޖުތަމަޢެކޭވެސް ސުވާލު އުފެދޭ މިންވަރަށް މިކަން ފެތުރި އާއްމުވެފައިވުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މުޖުތަމައުގެ ގިނަ ބަޔަކު މިކަމުގައި ޝާމިލްވާތީ އެކަމުގައި މައްސަލައެއް ނެތްކަމަށެވެ. ނުވަތަ އެކަމަށް އިންކާރު ކުރުމަކީ މަސްލަޙަތު ނަގާލުން ކަމަށެވެ.
އެހެންކަމުން މި އާރޓިކަލްގައި މި ބަލާލަނީ ގިނަ މީހުން މި ޝޯތަކަށް ބަލަން ދިޔުމަކީ މިޝޯތައް "ހުއްދަ"ވާ ކަމަށް ނުވަތަ އެކަމަށް އިންކާރު ކޮށްގެން ނުވާނެކަމަށް ބުނާ ބުނުމުގައި ހުރި ޝަރުޢީ ބަރުދަނަށެވެ.
ކީރިތި ޤުރުއާނުގެ ނައްސުތަކަށް ބަލާލައިފިނަމަ ފެންނަން އޮންނަ ޙަޤީޤަތަކީ، ޤުރުއާނުގައި ގިނަ މީހުންގެ ވާހަކަ ބަޔާންވެފައި މުޅިންވެސް ވާނީ ޛަންމުކުރެވޭ (ތަޢުރީފު ކުރުމުގެ އިދިކޮޅު) ހާލަތްތަކުގައެވެ. މީގެ ބައެއް މިސާލުތައް މިތާގައި ހިމަނާލާނަމެވެ.
- ބަޤަރާ ސޫރަތުގެ 243 (ولكن أكثر الناس لا يشكرون ) މާނައީ: "އެހެނެއްކަމަކު ގިނަ މީހުންނީ ޝުކުރުވެރިނުވާ ބައެކެވެ."
- ޢަންކަބޫތުގެ 63 ވަނަ އާޔަތް ( بل أكثرهم لا يعقلون) މާނައީ: "އަދި ކިއެއްތަ، އެބައިމީހުންގެ ތެރެއިން ގިނަމީހުން ވިސްނާ ފިކުރުކުރާ ބަޔަކު ކަމުގައި ނުވެއެވެ."
- ފުރުޢާންގެ 50 ވަނަ އާޔަތް: (فأبى أكثر الناس إلا كفورا) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ މީހުން ދެކޮޅުވެރިވެ ކާފިރުވުން މެނުވީ ޤަބޫލެއް ނުކުރެތެވެ."
- އަޢުރާފް ސޫރަތުގެ 101، 102 ވަނަ އާޔަތް : (وما وجدنا لأكثرهم من عهد وإن وجدنا أكثرهم لفاسقين ) މާނައީ: " އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް އަހްދެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، ފާސިޤުން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ. "
- (ولكن أكثر الناس لا يعلمون) މާނައީ: ""އެހެނެއްކަމަކު މީސްތަކުންގެ ތެރެއިން ގިނަ މީހުންނަކަށް ނޭންގެއެވެ." މި އިބާރާތް އައިސްފައިވާ އާޔަތްތަކުގެ ތެރޭގައި (الأعراف:187)، (يوسف: الآيات 21، 40، 68) (النحل، الآية 38) (الروم، الآيتان 6، 30) (سبأ، الآيتان 28، 36) (غافر، الآية 57)، (الجاثية، الآية 26) ހިމެނެއެވެ.
- (بل أكثرهم لا يعلمون) މާނައީ: "އަދި ކިއެއްތަ! އޭގެ ތެރެއިން ގިނަ މީހުންނަކަށް ނޭންގެއެވެ." މި އިބާރާތް އައިސްފައިވާ އާޔަތްތަކުގެ ތެރޭގައި (النحل:75) (النحل، الآية 101) (الأنبياء، الآية 24) (النمل، الآية 61) (لقمان، الآية 25) (الزمر، الآية 29). ހިމެނެއެވެ.
- އަންޢާމް ސޫރަތުގެ 111 ވަނަ އާޔަތް : (ولكن أكثرهم يجهلون ) މާނައީ: "އެހެނެއްކަމަކު އޭގެ ތެރެއިން ގިނަ މީހުން ނުދަނެތެވެ."
- މުއުމިނޫން ސޫރަތުގެ 70 ވަނަ އާޔަތް (وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ ) މާނައީ: "އަދި އޭގެތެރެއިން ގިނަ މީހުންނީ ޙައްޤާއިމެދު ނުރުހުންތެރިވާ މީހުންނެވެ."
ބަޔާންވެ ދިޔަ ޢާޔަތްތަކުން އެނގެނީ ގިނަ މީހުން ކަމެއް ކުރުމަކީ އެކަން ހުއްދަކުރުމަށް އެއްވެސް ބުރަދަނެއް ހުރި ހުއްޖަތެއް ނޫންކަމެވެ. އަދި ކިއެއްހެއްޔެވެ. ގިނަ މީހުންގެ ގޮތަކީ، ޝަރިޢަތާއި ޚިލާފް ގޮތެއްނަމަ، އެގޮތަށް ތަބާވުމަކީ ދީނުގެ މަގުން މީހާ ކައްސާލާނެ ކަމެއްކަން ބަޔާންކުރައްވާ މާތްﷲ، އަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުގައި ވަޙިކުރައްވާފައިވެއެވެ. (وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ) މާނައީ: " އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބައެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ."
ގިނަ މީހުން އުޅޭގޮތޭ ބުނެ އެޖަމާއަތަށް ގުޅެން ބޭނުންވާ މީހުންނަށް ބުނެލަމެވެ! ޤިޔާމަތް ދުވަހުން، މާތްﷲ އާދަމްގެފާނަށް ވަހީކުރައްވާނެކަމަށް ޙަދީޘްގައިވެއެވެ. "ކަލޭގެފާނުގެ ދަރިފަސްކޮޅުން ނަރަކަވަންތަވެރިން ނެރޭށެވެ!" އެހިނދު އެކަލޭގެފާނު ވިދާޅުވާނެއެވެ. އެއީ ކިހާ އަދަދެއްތޯއެވެ. އެންގެވޭނެއެވެ. "އެއީ ކޮންމެ 1000 ން 999 އެކެވެ." އެއީ ޔައުޖޫޖު މައުޖޫޖުގެ އަހުލުވެރިންވެސް ލައިގެންނެވެ.
ދަންނަވަން މިއުޅެނީ ސުވަރުގޭގެ އަހުލުވެރިންނާ ބަލާފައި ނަރަކައިގެ ޖަމާއަތުގެ ބޮޑުކަމެވެ.
ޢީދާއި އަދި އެނޫންވެސް ދުވަސްވަރު ހިންގޭ މުންކަރާތްތަކާއި ދުރުހެލިވެ ތިބޭ މަދު ޖަމާޢަތުގެ އަހުލުވެރިންނަށް ބުނެލަމެވެ! ތިޔަ ގޮތުގައި ޘާބިތުވެވޭތޯ ބަލާށެވެ!
ސަބައަ ސޫރަތުގެ 13 ވަނަ އާޔަތުގައި، މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ) މާނައީ: "ތިމަން އިލާހުގެ އަޅުންގެ ތެރެއިން ޝުކުރުވެރިވާ މީހުންނަކީ ވަރަށްވެސް މަދު ބައެކެވެ." އަދިވެސް ވަހީކުރައްވާފައިވެއެވެ. ( إِِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ ۗ ) މާނައީ: "އީމާންވެ ޞާލިޙު ޢަމަލުތަށް ކުޅަ މީހުން މެނުވީއެވެ. އެއީ ވަރަށްވެސް މަދުބައެކެވެ." އަދިވެސް ވަޙީކުރެއްވިއެވެ. (.. ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ - بقرة 83) "ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ." އަދިވެސް ވަޙީކުރެއްވިއެވެ. (وَمَا آمَنَ مَعَهُ إِلَّا قَلِيلٌ - هود 40 ) " މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ."
އެހެންކަމުން މަދު ޖަމާޢަތެއްގެ ތެރޭގައި ތިބާ ވާތީ އެކަމާމެދު ދެރަނުވާށެވެ! އެކަމާ އުފާކުރާށެވެ! އެއީ އުފާކުރުން ޙައްޤު ޝަރަފެކެވެ. ހަދީޘެއްގައިވެއެވެ. " بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ غَرِيبًا فَطُوبَى لِلْغُرَبَاءِ" (ابن ماجه) މާނައީ: "އިސްލާމްދީން ފެށިގެން އައިސްފައިވަނީ ބީރައްޓެހި (އެބަހީ މީސްކޮޅު މަދު) އެއްޗެއްގެ ގޮތުގައެވެ. އެދީން ބީރަށްޓެހިކަމުގެ ތެރެއަށް އެނބުރި ރުޖޫޢަވާނެއެވެ. ފަހެ އެ ބީރައްޓެހިންނަށް (އެބަހީ އެ މަދުޖަމާޢަތުގެ މީހުންނަށް) އުފާވެރިކަން ހުއްޓެވެ!"