ގްރޭޑް 12ގެ ދަރިވަރުން ދަސްވެނިމުން

ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލު ކުރުމަށްފަހު

2023ވަނަ އަހަރު އޭ ލެވެލް ނިންމި ހުޅުދުއްފާރު ސުކޫލުގެ ދަރިވަރުންގެ ދަސްވެނިމުމުގެ ރަސްމިޔާތު 28 އޮކްޓުބަރު ވީ ދުވަހުގެ ރޭ ވަނީ ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށް ނިންމާލެވިފައެވެ. ގްރޭޑް 12 ގެ ދަރިވަރުން ސްކޫލަށް އަލްވަދާއުކިއުމުގެ ރަސްމިޔާތު ފެށިގެން ގޮސް ނިމެން ދޭން އެކުދިންވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައެވެ. 20:15ގައި ރަސްމިޔާތު ފެށިގެން ދިޔައީ އެ ކުލާސްގެ ދަރިވަރު ރިފްޤާ މުހައްމަދު ނަޖީބުގެ ގުރުއާން ކިޔެވުމުނެވެ. އަދި ދިވެހި ތަރުޖަމާ އަލީ ސައުފާން ގެނެސް ދީފައި ވާއިރު، ރަސްމިޔާތު ކުރިއަށް ދާނޭ ގޮތުގެ ތައާރަފެއް ދިނީ ގްރޭޑް 12 ގެ ކުލާސް ޓީޗަރ އަލީ ސަރާފް(އަލީ ސަރ)އެވެ. އެއަށްފަހު ފަޔާ ސަރ ދަރިވަރުންނަށް މުހާތަބު ކޮށް ދެން އެކުދިންގެ ތައުލީމުގެ ނައު މިސްރާބު ޖަހާނެ ރާސްތާއާ ބެހޭ ގޮތުން ކޮންމެސް ވަރެއްގެ އެއްޗެއް ބުނެލިއެވެ. އެގޮތުން ސަރ އެދުނީ ގައުމަށް ހިދުމަތް ކޮށްދޭން ދާއިރާއެއް އިހުތިޔާރު ކުރާއިރު އެ ހޯދާ ވަޒީފާ އަކީ އާމްދަނީ ހޯދުމުގެ ނިޔަތުގައި އަދާކުރާނެ ވަޒީފާއެއްގެ ގޮތުގައި ނުހެދުމަށެވެ. އާމްދަނީ ހޯދުމުގެ ނިޔަތުގައި ވަޒީފާއެއް އަދާ ކުރާނަމަ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ސަރ ކުދިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ވަޒީފާއެއް ހޯދާ އިރު އެކުއްޖަކުގެ ޝައުގު ހުރި، އެ ކުއްޖެއްގެ ކިބައިގައި އެ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ހުރި ވަޒީފާއެއް ހޯދުމަށް ވެސް އެދިލެއްވިއެވެ. ހަމަ މިއާއެކު އެކުއްޖަކު އަމިއްލަ އަށް ބޭނުންވާ ދާއިރާއެއް އިހުތިޔާރުކޮށް، އެކުއްޖަކު ކުރިއަށް ދާ ދާއިރާއަކި އެކުއްޖެއްގެ މަންމަ ބުނެގެން އިހްތިޔާރު ކުރާ ދާއިރާ އަކަށް ނުހެދުމަށް ވެސް އެދިލެއްވިއެވެ. ފަޔާ ސަރ އަށްފަހު އާރިފް ސަރ ވެސް ވާހަކަ ދައްކަވަމުން ދަރިވަރުންނަށް ހަނދާން ކޮށްލަދިނީ އިސްލާމް ދީނަށް ތަބާވާ ބަސްއަހާ ކުދިންގެ ގޮތުގައި އުޅުމަށެވެ. އަދި ވަކިން ހާއްސަ ކޮށް ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރަންދާ ދަރިވަރުން މި ކަން ކަމަށް ސަމާލުވާން ހަނދާން ކޮށްދިނެވެ.
އެއަށްފަހު ރަސްމިޔާތުގައި ދެން ކުރިއަށް ގެންދެވުނީ ދަސްވެނިމުނު ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ބައެވެ. ހަނދާނީ ލިޔުންތަކާ ހަވާލުވުމަށްފަހު, ނިމިދާ ދަރިވަރުންގެ ސުއޫރުތަށް ބަންޑުން ކޮށްލަދިނީ ސްކޫލުގެ އޭ ލެވެލް ވައިސް ކެޕްޓަން ފާތިމަތު މަނާލްއެވެ.ގްރޭޑް 12 ގެ ދަރިވަރުންގެ ފަރާތުން 2 އަހަރު ވަންދޭން ކިޔަވައި ދެއްވި މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުން މުދައްރިސުންނަށް ހަދިޔާއެއް ދެއްވުމަށްފަހު، “އަލުމްނައި”ގެ ފަރާތުން  އަލީ ރަސީދު ސަރ ދަރިވަރުން ކައިރީ ބުނެލީ ސްކޫލުން ބޭރުގެ ދުނިޔެއަކީ ކިތަންމެ އަނދިރި ތަނެއްކަމުގައިވީ ނަމަ ވެސް “އިޓްސް ގޮއިން ޓު ބީ އޯކޭ” އެވެ. އެހެންކަމުން ކުރިއަށް އޮތް ރާސްތާ އާމެދު މާ ކަންބޮޑުނުވުމަށް ސަރ ނަސޭހަތްތެރިވިއެވެ.

އިހުސާސް ތަކާއި ނަސޭހަތުން ފުރިގެންވާ މި ރަސްމިޔާތު ނިމިގެން ދިޔައީ އަލީ ސަރ ގެ ފަރާތުން ނިމުން ދަރިވަރުން ނަށް ދެވުނު ހަދިޔާއަކާއެކު، ބިލެއް މީރު ކޮށްލެއްވުމަކަށް ފަހުގައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor