ހުޅުދުއްފާރު ބިމުން ބޮޑު ބައެއް ގެސްޓް ހައުސް ވިޔަފާރިއަށް

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
5 މަސް ކުރިން
1 މިނިޓް

ހުޅުދުއްފާރު ބިމުން ބޮޑު ބައެއް ގެސްޓް ހައުސް ވިޔަފާރިއަށްދޭ ގޮތައް ކަނޑައަޅާ، ހުޅުދުއްފާރުގެ ލެންޑް ޔޫސް ޕްލޭން ފާސްކޮށްފިއެވެ.

ރ.ހުޅުދުއްފާރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ޢާންމު ކުރުމާއިގުޅޭގޮތުން މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން ގެޒެޓް ކުރި ޢާންމު މަޢުލޫމާތުގައި ވާގޮތުން އުތުރު ހުރަސް މަގުން އުތުރުން ބޮޑު ތަކުރުފާނުގެ ހުޅަގުން އޮތް ބިމަކީ ގެސްޓް ހައުސް ވިޔަފާރިއަށް ދޫކުރާގޮތަށް ހަމަޖެހިފައިވާ ބިމެކެވެ.

ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ، އުތުރު ތުނޑިއަކީ މިހާރުވެސް ރަށުގެ ގިނަބަޔަކު ހަވީރު ޢާއިލާ ގޮވައިގެންނާއި، ޕިކްނިކް ތަކަށް އެންމެ ގިނައިންދާ ސަރަހައްދެވެ. އެހެންކަމުން މިތަނާ އެހާކައިރިން ގެސްޓް ހައުސް ތަކަށް ދީ، އެތާ ގެސްޓުން ހަރަކާތްތެރިވާން ފަށައިފިނަމަ އާންމު އިޖްތިމާޢީ، އަދި އަޚްލާޤީ މައްސަލަތަކެއް ކުރިމަތިވާނެކަމަށް ބައެއް ރައްޔިތުން ޤަބޫލުކުރެއެވެ.

މީގެ ކުރިންވެސް ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި މި ބިން ގެސްޓް ހައުސް ވިޔަފާރިއަށް ދޫކުރާގޮތައް އޮތުމުން އެދުވަހު އެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންވަނީ އެކަމާއި ކަންބޮޑުވުންފާޅުކޮށް، އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އެދުވަހު ކައުންސިލުން ބުނެފައިވަނީ މިގޮތަށް ފާސްކުރިޔަސް، ގެސްޓް ހައުސް ވިޔަފާރިއަށް ބިން ދޫކުރުމުގެ ކުރިން އަދި ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށާއި، ގެސްޓް ހައުސް ވިޔަފާރިއާއި ބެހޭގޮތުން ޢިލްމީ ބަހުސެއްވެސް ރަށުގައި ބާއްވާނެކަމަށެވެ.

މިހާތަނަށް ކައުންސިލުން ބޭއްވި ޢާންމު ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން އަންނަނީ ރަށުން ގެސްޓް ހައުސް ހެދުމަށް ބިންދޫކުރުމާއި ދެކޮޅު ހަދަމުންނެވެ.

71. ގެސްޓް ހައުސް ވިޔަފާރިއަށް ދޫކުރުމަށް ކަނޑައަޅާފައުވާ ސަރަހައްދު
Copyright © 2024 Faaru News
Made with by Afeef & Noor