ހުޅުދުއްފާރު ރައްޔިތުން ފަލަސްޠީނާއެކު ވާކަން އަންގައިދިނުމަށް ރަށު ބޮޑު މަގަށް އެއްވެއްޖެ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
5 މަސް ކުރިން
1 މިނިޓް

ހުޅުދުއްފާރު ރައްޔިތުން ފަލަސްޠީނާ އެކު ވާކަން އަންގައިދިނުމުގެ ގޮތުން، ހުޅުދުއްފާރުގެ ބޮޑުމަގު ކަމުގައިވާ ބޮޑުތަކުރުފާނުމަގަށް އެއްވެއްޖެއެވެ. މި އެއްވުން އެއްވެފައިވަނީ އިއްޔެ (15 ޑިސެމްބަރ 2023) ހުކުރު ނަމާދަށް ފަހުއެވެ.

ހުކުރު ނަމާދަށް ދިޔަ މީހުންގެ އިތުރުން، މި އެއްވުމުގައި ރަށުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވިއެވެ.

ހުޅުދުއްފާރު ކައުންސިލާއި، ރަށުގެ އެހެނިހެން މުއައްސަސާ ތަކާއި، ޖަމުޢިއްޔާތައް ގުޅިގެން މިއެއްވުން އެއްވުމުގެ ބޭނުމަކީ، ހުޅުދުއްފާރު ރައްޔިތުން ތިބީ ފަލަސްޠީނާއިއެކުކަން މީޑިއާ ތަކަށް ހާމަކޮށްދިނުމެވެ.

މީގެ ކުރިންވެސް ހުޅުދުއްފާރުގައި ވަނީ، ފަލަސްޠީނަށް ސަޕޯޓް ކުރުމުގެ ގޮތުން، "ފަލަސްޠީން ފޯރަމް"ގެ ނަމުގައި ފޯރަމަކާއި، ހިނގާލުމެއް ބާއްވާފައެވެ. އަދި ފަލަސްޠީނަށް އެހީވުމުގެ ގޮތުން ފަންޑް ރައިޒިން އިވެންޓެއްވެސް ވަނީ ބާއްވާފައެވެ. އެ ފަންޑު ރައިޒިންގ އިވެންޓުގައި ހުޅުދުއްފާރު ރައްޔިތުންގެ ފަރާތުންވަނީ އެއްލައްކަ ދެހާސް ދުއިސައްތަ ނަވާރަ ރުފިޔާ ތިރީސް ހަ ލާރި، އިންޓަނޭޝަންލް އެއިޑް ކެމްޕެއިން (އޭ.އައި.ސީ) މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. 

ދިވެހި ރާއްޖޭގައި ފަލަސްޠީނަށް ތާއިދުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މިކަހަލަ އިވެންޓްތައް ވަނީ އިޒްރޭލުގެ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. 

ގިނަބަޔަކު ޤަބޫލުކުރާގޮތުގައި މިއީވެސް ލިބޭ ކުރިއެރުމެކެވެ.  މައިގަނޑު ސަބަބަކީ އިޒްރޭލުން އަބަދުވެސް ދަނީ ހަޤީޤަތް އޮޅުވާލުމަށް މީޑިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor