ހުޅުދުއްފާރު ސްކޫލުގެ އިނާމު ދިނުމުގެ ޙަފްލާ ބާއްވައިފި

ހުޅުދުއްފާރު ސުކޫލް އިނާމް ދިނުމުގެ ޖަލްސާ.
އައްޝައިޚް ޢަބްދުﷲ ޝަހީދު
އައްޝައިޚް ޢަބްދުﷲ ޝަހީދު
1 އަހަރު ކުރިން
1 މިނިޓް

ނިމިދިޔަ ދިރާސީ އަހަރު 2022 / 2021 ގެ އިނާމު ދިނުމުގެ ޙަފްލާ ވަރަށް ކުލަގަދަ ގޮތެއްގައި ހުޅުދުއްފާރު ސްކޫލުގައި ބާއްވައިފިއެވެ. 26 މެއި 2023ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި މި ޙަފަލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މޫސާ އާދަމްއެވެ.

މި ޙަފްލާގައި ފާއިތުވެދިޔަ އަހަރު ހުޅުދުއްފާރު ސްކޫލުން ތަފާތު ދާއިރާތަކުން އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. އެގޮތުން ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް، އޮނަރލިސްޓެޑް އެވަރޑް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް، އޯލެވެލް އަދި އޭލެވެލް ސްކޫލް ޓޮޕް ފައިވް އެވޯޑްސް އަދި ޑިސްޓިންކްޝަން އެވޯރޑް ދީފައިވެއެވެ. އަދި ހުޅުދުއްފާރު ސްކޫލުގެ ޔުނީފޯމް ހަރަކާތްތަކުގައި އުޅޭ ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ މޮޅެތި ދަރިވަރުންގެ ނަންތައް އިޢުލާނުކޮށް, އެ ދަރިވަރުންނަށްވެސް ވަނީ އިނާމު ދީފައެވެ. އެގޮތުން ބެސްޓް ސްކައުޓް އިން އެކަޑެމިކް އަށް ހޮވިފައިވަނީ ސްކޫލްގެ ގްރޭޑް 9އެސްގެ ދަރިވަރު ނިހާލް އަޙްމަދު ނިޔާޒްއެވެ. އަދި ބެސްޓް ގައިޑް އިން އެކަޑެމިކް އަށް ހޮވިފައިވަނީ ގްރޭޑް 9އެސްގެ ދަރިވަރު ނާއިފާ އަބްދުاللهއެވެ. ބެސްޓް އޯލް ރައުންޑް ސްކައުޓަށް ގްރޭޑް 12ބީގެ ދަރިވަރު ޙުސައިން ރިޒާން ހޮވިފައިވާއިރު ބެސްޓް އޯލް ރައުންޑް ގައިޑަށް ހޮވިފައިވަނީ ގްރޭޑް 9އެސްގެ ދަރިވަރު ޢާއިޝަތު މަރީޝާއެވެ.

ނިމިދިޔަ އަހަރުގެ ނަތީޖާއިން ޤައުމީ ގަދަ ދިހައަކަށް ދިޔަ ހުޅުދުއްފާރު ސްކޫލުގެ 4 ދަރިވަރަށްވެސް ވަނީ މިޙަފްލާގައި ޓްރޮފީއާއި ޕީޓީއޭގެ ފަރާތުން ދޭ ލެޕްޓޮޕް އަރުވާފައެވެ. އޮގޮތުން ގްރޭޑް 10އެސްގެ ދަރިވަރު ޢަބްދުالله ޚާޝިޢުވަނީ އޯލެވެލް ޓޮޕް ޓެންއިން 10ވަނަ ޙާޞިލުކޮށްފައެވެ. އަދި ގްރޭޑް 10އެސްގެ ދަރިވަރު ސަދާ ޝަހީމްއަށް ވަނީ އޯލެވެލް ޓޮޕް ޓެންއިން 6ވަނަ ޙާޞިލުކޮށްފައެވެ. އޭލެވެލް ޓޮޕް ޓެން އިން ގްރޭޑް 12ބީގެ ޝާލިޔާ އަޙްމަދު އަދި މަރްޔަމް އީނާސް އިސްމާޢީލް ވަނީ 10ވަނަ ޙާޞިލުކޮށްފައެވެ.

މުޅި ޙަފްލާގެ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ ބެސްޓް އޯލް ރައުންޑަރ ކަމަށް ހޮވިފައިވަނީ ޘާނަވީ ބައިން ސަދާ ޝަހީމް (ގްރޭޑް 10އެސް) އަދި މަތީ ޘާނަވީ ބައިން ޝާލިޔާ އަޙްމަދު (ގްރޭޑް 12ބީ)އެވެ.

މި ޙަފްލާގައި ހުޅުދުއްފާރު ސްކޫލުގެ ފާއިތުވެދިޔަ އަހަރުގެ އަހަރީ ވީޑިޔޯ ރިޕޯޓްވަނީ ދައްކާފައެވެ. އަދި ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ފަޔާޟް (ފަޔާޟް ސަރ)އާއި ޙަފްލާގެ ޝަރަފުވެރި މެހެމާން, މިނިސްޓްރީ އޮފް އެޑިކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މޫސާ އާދަމް ވަނީ ދަރިވަރުންނާ ޙަފްލާގެ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ އިނާމު ދިނުމުގެ ޙަފްލާއަކީ ސްކޫލުތަކުގައި ބޭއްވޭ އެންމެ ބޮޑު އެއް ޙަރާކާތެވެ. މި ޙަފްލާއަށްޓަކާ މުޅި ސްކޫލު ޒީނަތްތެރި ކުރާއިރު, ހުޅުދުއްފާރު ސްކޫލަކީ ތަފާތު ރީތި ޑިޒައިންތަކާއި ތީމްތައް ދަރިވަރުންނަށްޓަކާ ފަރުމާކުރާ ސްކޫލެއްކަން ފާހަކޮށްލެވެއެވެ. މިގޮތުން މިފަހަރުގެ ޙަފްލާގެ ތީމަކަށް ވިންޓަރ ތީމް ބޭނުންކޮށްފައިވާއިރު ސްކޫލުގެ ވޯރކް ވޭ އާއި ސްޓޭޖް ވަނީ ތީމްއާއި ގުޅޭގޮތަށް ޒީނަތްތެރިކޮށްފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor