ހުުޅުދުއްފާރު ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މަސް ރޭހަކާއި ޓުރެޒަރ ހަންޓެއް ބާއްވައިފި
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހުޅުދުއްފާރު ގައި 29 އޮކްޓޫބަރު ވީ ހުކުރު ދުވަހުގެ ރޭ މަސް ރޭހެއް ބާއްވައިފިއެވެ.
މި ރޭހުގައި ވަނީ 9 ޓީމެއް ބައިވެރި ވެފައި ވެއެވެ. މި ރޭސް ފައްޓާފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 14:30 ގައެވެ.
މަސް ރޭގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން އެއް ޓީމް ވަނީ ގަޑި ޖެހިގެން ރަށަށް އައުމުގެ ސަބަބުން ރޭހުން ވަނީ ޑިސްކޮލިފައި ކޮށްފައެވެ. މި ޓީމް ރަށު ފަޅަށް ވަދެފައި ވަނީ 23:31 ގައެވެ.
ރަށު ފަޅަށް ވަންނަން ހަމަ ޖެހިފައިވަނީ 22:30 - 23:30 އަށެވެ.
މި ރޭހުން އެއްވަނަ އަށް ގޮސްފައި ވަނީ ޓީމް ނައްޑެއެވެ. މި ޓީމް ވަނީ 104kg ގެ މަސް ބާނާ ފައެވެ. އަދި އެންމެ ގިނަ މަސް ބޭނި ޓީމް އަކަށް ހޮވިފައި ވަނީ ވެސް ޓީމް ނައްޑެއެވެ.
އަދި މި ރޭހުގައި އެންމެ ބޮޑު މަސް ބާނާފައި ވަނީ ޓީމް މަޑިސީލަ ގެ އަހްމަދު އަބޫބަކުރު (އައްފާން) އެވެ. އައްފާން ވަނީ 12kg ގެ ފާނަ އެއް ބަނާފައެވެ.
މި ރޭހުގެ އިނާމް ތަކުގެ ގޮތުގައި އެންމެ ގިނަ ކިލޯ ކިރި ޓީމަށް 700 ރުފިޔާ، އެންމެ ގިނަ މަސް ބޭނި ޓީމަށް 500 ރުފިޔާ އަދި އެންމެ ބަރު މަސް ބޭނި ޓީމަށް 300 ރުފިޔާ ގެ އިނާމެއް ވަނީ ދީފައެވެ.
މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 30 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުގެ ހަވީރު ޓުރެޒަރ ހަންޓް އެއް ވަނީ ހުޅުދުއްފާރު ކައުންސިލް އިން ބާއްވާފައެވެ.
މި ހަރަކާތުގައި ވަނީ 3 ފިރިހެން ޓީމް އަދި 10 އަންހެން ޓީމް ބައިވެރި ވެފައެވެ. މި ހަރަކާތް ފެއްޓައިފައި ވަނީ 15:52 ގައެވެ.
މި ހަރަކާތުގައި ފިރިހެން ޓީމް ތަކުގެ ތެރެއިން އެއްވަނަ އަށް ގޮސްފައި ވަނީ ސޮއްޓި ގުރޫޕެވެ. މި ގްރޫޕް ނިންމާފައި ވަނީ 31 މިނެޓް އިންނެވެ. ދެވަނަ އަށް ގޮސްފައި ވަނީ 'ތުނިކިބަ' އެވެ. މިގްރޫޕް ނިންމާފައި ވަނީ 36 މިނެޓް އިންނެވެ. ތިންވަނަ އަށް ގޮސްފައި ވަނީ ޓީމް އާބޮޑު އެވެ. މި ގްރޫޕް ނިންމާފައި ވަނީ 37 މިނެޓް އިންނެވެ.
އަންހެން ޓީމް ތަކުގެ ތެރެއިން އެއްވަނަ އަށް ގޮސްފައި ވަނީ ' ބޯޓް ރަނާސް' އެވެ. މި ގްރޫޕް ނިންމާފައި ވަނީ 39 މިނެޓް އިންނެވެ. ދެވަނައަށް ގޮސްފައި ވަނީ 'ފަހަތަށް ދަމާ' އެވެ. މި ގްރޫޕް ނިންމާފައި ވަނީ 48 މިނެޓް އިންނެވެ. ތިންވަނަ އަށް ގޮސްފައި ވަނީ 'ރެހެންދި ގްރޫޕް' އެވެ. މި ގްރޫޕް ނިންމާފައި ވަނީ 50 މިނެޓް އިންނެވެ.
މި ހަރަކާތުގެ އިނާމަކަށް އެއްވަނަ އަށް 500 ރުފިޔާ، ދެވަނަ އަށް 350 ރުފިޔާ އަދި ތިންވަނައަށް 150 ރުފިޔާ ގެ އިނާމެއް ވަނީ ދީފައެވެ.
ޓުރެޒަރ ހަންޓުގައި ވަނަ ހޮވާފައި ވަނީ އަންހެން އަދި ފިރިހެން ޓީމް ވަކިންނެވެ.