ހުޅުދުއްފާރުގައި ކޮވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ނިންމައިފި

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

ހުޅުދުއްފާރުގައި ކޮވިޑުގެ ކަންތައް ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ނިންމައިފިއެވެ. އެގޮތުން 4 ޖޫން 2021ވީ ހުކުރު ދުވަހު ހަވީރު ޓާސްކްފޯސް އަދި ފުލުހުންނާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، މިއަދު (5 ޖޫން 2021، ހޮނިހިރު) ހަވީރު 4:00ން ފެށިގެން ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތުން ނެގެންދެން އިތުރު ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ތަންފީޒު ކުރަން ނިންމާފައިވާ ކަންކަމަކީ:

1.     ރޭގަނޑު 09:00ން ފެށިގެން ފަތިހު 04:00އަށް، އެއްގަމު އުޅަދުފަހަރު ދުއްވުމާއި، މަގުމައްޗަށާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން، އަދި އެނޫން ވަޤުތުތަކުގައި ރަށް ލޮކްޑައުން ކުރުން (ލޮކްޑައުން ވަޤުތުގައި ގެއިން ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ޒަޒޫރީ ބޭނުންތަކުގައި އެކަންޏެވެ.)

2.     ފިހާރަތަކުން ޚިދުމަތް ދެވޭނެ އެންމެ ލަސްގަޑިއަކީ ރޭގަނޑު 09:00އަށް ކަމަށް ކަނޑައެޅުން. (ނަމަވެސް ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 09:00ން 10:00އަށް ދެވިދާނެ)

3.     ހޮޓާތަކުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ނިންމުން (ޑެލިވަރީ ކުރެވޭނީ ހަމައެކަނި ގޭގެއަށާއި މިވައްސަސާތަކަށް)

4.     އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓުވުން

5.     ޢިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކުގައި ބަހައްޓާފައިވާ ޖޯލިފަދަ ތަކެތި ނެގުމަށް ނިންމުން

6.     ފިނިއަށިތަކާއި ހަޓުތައް އަދި ޕާކުތައް ބަންދުކުރުން

7.     ޕޮލިހުންނާއި ސޯޝަލް ސަޕޯޓް ޑެސްކުގެ ބޭފުޅުންގެ އެހީތެރިކަމާއިއެކު ރަށުތެރެ މޮނިޓަރ ކުރުން

ހުޅުދުއްފާރުގައި މިވަޤުތު ޖުމުލަ 12 އެކްޓިވް ކޭސްއެއް އުޅޭއިރު، 10ގެއެއް ވަނީ މޮނިޓަރިންނަށް ލާފައެވެ.

ހުޅުދުއްފާރުގެ އެންމެހާ ލޮބިވެތި ރައްޔިތުން، އަދި ޚާއްސަކޮށް، މިކަހަލަ ބަލި މަޑުކަމެއްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ އެންމެހާ  ބޭފުޅުން ރައްކާތެރި ކޮށްދެއްވުމަށާއި، ހުޅުދުއްފާރުން ފައްސިވެފައިވާ އެންމެފާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށް ދުޢާ ކުރަމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor