ޖުމްލަ 7 ޓީމަކާއި އެކު ހުޅުދުއްފާރު ކައުންސިލްގެ މަސްރޭސް މާދަމާ

ފޮޓޯ: ހުޅުދުއްފާރު ކައުންސިލް (2022 ވަނަ އަހަރު ކައުންސިލުން ބޭއްވި މަސްރޭހަށް ޓީމުތަކުން ފުރަނީ)
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
4 މަސް ކުރިން
1 މިނިޓް

2023ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދުއްފާރު ކައުންސިލުން ރޭވި މަސްރޭސް މާދަމާ އޮންނައިރު، މި މުބާރާތުގައި ޖުމްލަ 7 ޓީމަކުން ބައިވެރިވެފައިވެއެވެ.

8 ޑިސެމްބަރ ގައި ބޭއްވުމަށް ކުރިން ރޭވި މި މަސްރޭސް، 29 ވީ ޑިސެމްބަރ ވާ ހުކުރު ދުވަހަށް ލަސްކުރެވުނީ، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މުޅި މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށް 5000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށް 2500 ރުފިޔާ އަދި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ބަރު މަސް ކިރާ ޓިމަކަށް 500 ރުފިޔާ އަދި އެންމެ ގިނަ މަސް ބާނާ ފަރާތަކަށްވެސް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސް ރޭހުގައި ވަނަ ހޮވުމަށް ނުކިރާ ބާވަތްތަކުގެ ތެރޭގައި؛ ހިފުމާއި ބޭނުން މަނާކޮށްފައިވާ އެންމެހާ ބާވަތްތައް، އެންވެރިކަމުގައި ބޭނުންކުރާ ބާވަތްތައް، 5 އިންޗިއަށްވުރެ ކުދިމަސް، މުށިމަސް، ރިއްމަސް، އަދި ކިރާފަރާތުން ނުކިރާ މަސް ހިމެނެއެވެ.

މި މަސް ރޭހުގައި ބައިވެރިވުމަށް ހިނގާ ހުރިހާ ޚަރަދެއް ޓީމުތަކުން ކުރަން ޖެހުނުކަމުގައި ވިޔަސް، ބައިވެރިވާ ކޮންމެ ޓީމަކަށް 20 ލީޓަރު ޕެޓްރޯލް/ޑީސަލް ކައުންސިލުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

މުބާރާތުގައި ބައިވެރިވާ ޓީމުތައް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު މެންދުރުފަހު 2:30 ގައި ހުޅުދުއްފާރު ބަނދަރުންނެވެ. އަދި ރަށަށް ލެފުމަށް ހަމަޖެހިފައިވަނީ އެރޭ ރޭގަނޑު 09:30 އާއި 11:00 އާއި ދެމެދުއެވެ. 

ދޯނިތައް ނައްޓާލުމަށް ކަށިގަނޑު ފުމެލާ ވަޤުތުން ފެށިގެން 5 މިނެޓް ތެރޭގައި ބަނދަރުން ނަައްޓާނުލާ ދޯނިތަކާއި، އެރޭ 11:00 އަށް ހުޅުދުއްފާރު ނެރުފައިކަށިން އެތެރެއަށް ނުވަދެވޭ ދޯނިތައް މުބާރާތުން ޑިސްކޮލިފައިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަސްރޭހުގައި ބައިވެރިވާ ޓީމުތަކުން ބާނާ މަސް ކިރުމަށްފަހު ލިބޭ އާއްމުދަނީ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޣާޒާ ފަންޑަށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor