ރަށު ކަޕް 2024ގެ ތިންވަނަ ދުވަހުގެ މެޗުތަކުން މޮޅުވީ ފާލަން ސްޓްރީޓް، ނޯތްއެންޑް ޔުނައިޓެޑް، އަދި ލިނަކް

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
2 މަސް ކުރިން
1 މިނިޓް

ރަށު ކަޕް 2024ގެ ތިންވަނަ ދުވަހުގެ މެޗުތަކުން މޮޅުވީ ފާލަން ސްޓްރީޓް، ނޯތްއެންޑް ޔުނައިޓެޑް، އަދި ލިނަކެވެ.

އިއްޔެ ހަވީރު ގަރާޖް އެފް.ސީ އަދި ފާލަން ސްޓްރީޓް ކުޅުނު މެޗުގެ ފުރަތަމަ 5 މިނެޓް ތެރޭ ގަރާޖުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑް ނަގާފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު، ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ނިމުމަށްފަހު، ފާލަން ސްޓްރީޓުންވަނީ 2ވަނަ ހާފްގައި ގަރާޖް އެފް.ސީ ކޮޅަށް 2 ގޯލުޖަހާ މެޗުގެ ލީޑް އަނބުރާލާފައެވެ. މި މެޗުގެ ނަތީޖާއާއި އެކު ފާލަން ސްޓްރީޓުންވަނީ މުބާރާތުގެ  ފުރަތަމަ މޮޅާއިއެކު ތިންޕޮއިންޓް ހޯދާ، ގްރޫޕް ބީގެ ތިންވަނަ އަށް ޖެހިލާފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފާލަން ސްޓްރީޓްގެ ޖާރޒި ނަންބަރު 7، ޢަލީ އައްޒާމުއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނޯތްއެންޑް ޔުނައިޓެޑް  އަދި ދެކުނު ކަންމަތި އެފް.ސީއެވެ. މި މެޗު 9-0ން ކާމިޔާބުކުރީ ނޯތްއެންޑް ޔުނައިޓެޑް އެފް.ސީއެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް، ދެވަނަ ހާފްގައި ނޯތްއެންޑް ޔުނައިޓެޑް ވަނީ، އިތުރަށް ކުޅުން ވަރުގަދަކޮށް ދެކުނު ކަންމަތި އެފް.ސީ ކޮޅަށް އިތުރު 7 ގޯލް ޖަހާ، ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮއްފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ނޯތްއެންޑް ޔުނައިޓެޑްގެ ޖާރޒީ ނަންބަރު 17، މުޙައްމަދު ރިޝްފާނުއެވެ. 

ރޭގެ ފަހު މެޗުގައި ވާދަކުރީ ލިނަކް އަދި ސްޓޯމެވެ. މި މެޗު ލިނަކުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފް ލިނަކުން ނިންމާލީ 1-0ންނެވެ. އަދި ދެވަނަ ހާފް ލިނަކުން 2 ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޓޯމުން މެޗުގެ ފަހުކޮޅު ގޯލެއްޖަހާ ގޯލުގެ ފަރަގުވަނީ ކުޑަކޮށްފައެވެ. ކީޕަރުންގެ ހުނަރު ފެނިގެންދިޔަ މި މެޗުން ލިނަކަށް 3 ޕޮއިންޓް ލިބި، މުބާރާތުން 6 ޕޮއިންޓް މިހާތަނަށް ލިބުންނަމަވެސް، ގޯލުގެ ތަފާތުން ތާވަލް އޭގެ އެއްވަނާގައި މިވަގުތު އޮތީ ކްލަބް ސްޓޯމެވެ. 

ރަށުކަޕް 2024ގެ މިއަދުގެ މެޗުތަކުގެ ތެރެއިން ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ބަދަހި އެފްސީ އަދި ވޮލްފް ސިޓީގެ މެޗެވެ. އަދި ރޭގަނޑު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ކުލަބް ސްޓޯމް އަދި ނޯތްއެންޑް ޔުނައިޓެޑެވެ. އަދި މިރޭގެ ފަހު މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު ކަންމަތި އަދި ސްޓޯމެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor