ޔޫ.އެސް.ބީ ކާޑު ރީޑަރއެއްގެ ސަބަބުން ޤިޔާމަތާ ޖެހެންދެން ޘަވާބު

ފޮޓޯ: ޤާއިމް ޔޫސުފް އާދަމް (ފާރުއެމްވީ)
ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
3 އަހަރު ކުރިން
2 މިނިޓް

އަޅުގަނޑުގެ އަންހެނުންގެ ވަރަށް ގާތް ރަޙްމެތްތެރިޔަކު އެއްފަހަރަކު މާލެ ދަތުރެއް ނިންމާލާފަ އަންނަމުން ހަދިޔާއެއް ގެނެސްދިނެވެ. ބަލައިލި އިރު  ޔޫ.އެސް.ބީ ޕޯޓަށް ޖެހޭކަހަލަ ކާޑު ރީޑާއެކެވެ. އަޅުގަނޑަކީ އަމިއްލަ ބޭނުން ތަކަށްވެސް، އަދި ލެންޓާން ޖަމިއްޔާގެ މަސައްކަތަށްވެސް، ނުވަތަ މީސް މީހުންނަށް ކޮށްދޭ ބައެއް މަސައްކަތްތަކަށްވެސް، ކެމެރާއިން ނަގާ ފޮޓޯތަކާއި، ވީޑިއޯތައް ލެޕްޓޮޕަށް ޓްރާންސްފަރ ކުރަންޖެހޭ މީހެކެވެ. އެހެން ނަމަވެސް، އަޅުގަނޑު އޭރު ގެންގުޅު ލެޕްޓޮޕްގައި އެސް.ޑީ ކާޑު ޖެހޭ ޕޯޓެއް އިނުމުން، އެ ހަދިޔާއަށް ލިބުން ކާޑު ރީޑަރ އަކީ މާ ބެނުންތެރި އެއްޗަކަށް ނުވިއެވެ. އެހެންކަމުން، ލެޕްޓޮޕް ދަބަސްތެރޭ ޖީބަކަށް އެއްލާފަ އެ ބޭއްވީމެވެ.

ކޮންމެއަކަށް ދުވަސްތައް ފާއިތުވަމުންގޮސް، ލެޕްޓޮޕަށް މައްސަލަތަކެއް ދިމާވެ، އާ ލެޕްޓޮޕެއް ގަންނަން ޙާލަތު މަޖުބޫރުކުރުވައިފިއެވެ. ލެންޓާންގެ ގިނަ މަސައްކަތްތައް ބިނާވެފައި އޮންނަނީ މީސްމީޑިއާގައި ދައުރުކުރެވޭ ޕޯސްޓްތައް ހެދުމުގައާއި، ވީޑިއޯތައް ހެދުމުގައިކަމުން، އެކަމަށް އެކަށޭނެ ލެޕްޓޮޕެއްހޯދައި، ސޭވިންކޮޅު އެއްކޮށް ދުއްވާލާފައި، ލޯމަރާލާފައި އެ ގަނެފީމެވެ. ލެޕްޓޮޕް ގެނެސް، މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުމަށްފަހު، ފޮޓޯޝޮޕް ހުޅުވާލާ، ލެޕްޓޮޕްގެ އަވަސްކަމާއިމެދު ވަރަށް ހިތްހަމަޖެހި އިނދެ، ފުރަތަމަ ޕޯސްޓްހަދައި ލެންޓާން ފޭސްބުކް ޕޭޖަށް ލައިފީމެވެ.

މި ހިތްހަމަ ޖެހުމަށް ކުޑަ ނުތަނަވަސްކަމެއް އައީ ކެމެރާއިން ނެގި ފޮޓޯކޮޅެއް ލެޕްޓޮޕަށް ޓުރާންސްފަރ ކުރަން ޖެހުނު ހިސާބުންނެވެ. ލެޕްޓޮޕްގައި ކާޑު ރީޑްކުރާނެ ޕޯޓެއްނެތެވެ. ނިކަން އުފަލުންހުރެ، އެހާތަނަށް ރައްކާކުރެވުނު ފައިސާކޮޅު ދުއްވާލައިގެން ބޭކާރު ލެޕްޓޮޕެއް ގަނެވުމުގެ މޮޔަ ހިތައްއެރުމުގެ ކުރިން ކުއްލިއަކަށް ހަނދާނަށް އައީ އަންހެނުންގެ ރަޙްމަތްތެރިޔާ އެއްކަލަދުވަހު ދިން "ބޭކާރު" ހަދިޔާ މަތިންނެވެ.

ކޮންމެއަކަށް އެ ކަނޑާލާ އެއީ ކިހާވަރެއްގެ އެއްޗެއްތޯ ބަލައިލަން، އެސް.ޑީ ކާޑު އެއަށް ޖެހުމަށްފަހު، ލެޕްޓޮޕްގެ ޔޫއެސްބީ ޕޯޓަށް އެ ޖަހާލައިފީމެވެ. ވަރަށް ފައްކަލެވެ. ބަރާބަރަށް ކާޑު ރީޑްކޮށްފިއެވެ. އެއްކަލަ "ބޭކާރު" ހަދިޔާ މިވީ މިހާތަނަށް ލިބުނު އެންމެ މުޙިއްމު އެއް ހަދިޔާއަށެވެ.

އެ ކާޑު ރީޑަރ ފުރަތަމަ ބޭނުންކޮށްލި ދުވަހުގެ ދެއަހަރު ފަހަށް ބަލާލަމާހެއްޔެވެ. އެކާޑު ބޭނުންކޮށްގެން އެތަށް ވީޑިއޯއަކާއި، ފޮޓޯއެއް ލެޕްޓޮޕަށް ޓުރާންސްފަރ ކޮށް، އެތައް މަސައްކަތްތަކެއް މުޖުތަމަޢަށް ދޫކޮށްލެވިއްޖެއެވެ.

އެ ކާޑު ރީޑާގެ ސަބަބުން، "ހަމްދީގެ ސުވާލުގެ" 100 އަށްވުރެ ގިނަ އެޕިސޯޑު މުޖުތަމަޢަށް ގެނެސްދެވުނެވެ. "ސުކުންތުކޮޅެއްގެ" 40 އަށްވުރެ ގިނަ އެޕިސޯޑު މުޖުތަމަޢަށް ފޯރުކޮށްދެވުނެވެ. އެތަށް ދަރުސްތަކެއް، އެތަށް ނަޞޭޙަތްތަކެއް ފޭސްބުކުގައި ޝާއިޢު ކުރެވުނެވެ. މީގެ އިތުރުންވެސް، ސުކޫލުގެ ކަންކަމާއި، ބައެއް އެހެން ޖަމުޢިއްޔާގެ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވުނެވެ.

މިހުރިހާ ކަމެއްގެ މެދުވެރިއަކަށް މިވީ، އެއްކަލަ ކުޑަ ކުޑަ ހަދިޔާއެވެ.އެ ހަދިޔާ އެންމެ ފަހުން ވެގެންމިދިޔައީ ވަރަށް އަގު ބޮޑު، ބަރު ހަދިޔާއަކަށެވެ. ހެޔޮކަންކަމަށް މީހުންނަށް މަގުދައްކަން ގެންގުޅެވޭ ވަޞީލަތަކަށެވެ. އަޅުގަނޑު އަންހެނުންގެ ރަޙްމަތްތެރި އުޚްތައް ދެވުނު ދިގުދެމިގެންވާ ޞަދަޤާތަކަށެވެ.

އެ ކާޑު ރީޑަރ ބޭނުންކޮށްގެން، ތައްޔާރުކޮށް ލެންޓާން ޕޭޖަށްލާފައިވާ ވީޑިއޯއެއްބަލައިގެން މީހަކު އިސްލާޙްވެފައިވާނަމަ، ނުވަތަ ނޭންގޭ ރަނގަޅު ޢަމަލެއް ދަސްކޮށް އެގޮތަށް ޢަމަލު ކުރާނަމަ، އެ މީހަކު އެ ހެޔޮ ޢަމަލު ކުރާހާދުވަހަކު، އެ ހަދިޔާ ދިންފަރާތަށްވެސް، އެ ހެޔޮ ޢަމަލުގެ ޘަވާބު އެބަލިބެއެވެ، إن شاء الله ! އެ ހެޔޮ ޢަމަލުކުރަމުންދާ މީހާއަށް އެއްވެސް އެއްޗެއް އުނިނުވާ ގޮތަށެވެ. އިސްލާމުދީނުގެ ފުރިހަމަކަން ނިކަން ދެކެބަލާށެވެ.

އެހަދިޔާ ދިންކުއްޖާ މާދަމާ މި ދުނިޔެއާއި އަލްވަދާޢު ކިޔަސް، އޭނާ އެދިން ހަދިޔާ ބޭނުންކޮށްގެން ހެދި ވީޑިއޯތަކާއި، ޕޯސްޓްތައް މީސްމީޑިއާގައި ކުރިއަށް އޮތް ޖީލުތަކަށް ފެންނަގޮތަށް ހުންނާނެއެވެ، إن شاء ﷲ. އެހެންކަމުން، އެ ހަދިޔާގެ ސަބަބުން އެ އުޚްތާއަށް ދެމިގެންވާ ސަވާބު ލިބި ލިބި ހުންނާނެއެވެ. ޤިޔާމަތާއި ޖެހެންދެންވެސް މެއެވެ. إن شاء ﷲ

ނިންމާލަމުން އަޅުގަނޑު އެ އުޚްތާއަށް ދޭންބޭނުންވާ ޔަޤީންކަމަކީ، އެ ކާޑު ރީޑަރ  މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށްގެން، އިރާދަ ކުރެއްވީތީ، ދީނާއި ބީރައްޓެހި އެއްވެސް އެއްޗެއް އަދި ނުހަދާކަމެވެ. އަދި ދުވަހަކުވެސް ނުހަދާނެކަމެވެ. إن شاء ﷲ.

އަދި ލޮބުވެތި ކިޔުންތެރިންނަށް އަޅުގަނޑު ކުރަން ބޭނުންވާ ވަޞިއްޔަތަކީ، މީހަކަށް ހަދިޔާއެއް ދިނުމަށް ފަސްނުޖެހުމަށެވެ. ކިތަންމެ ކުޑަ ކުޑަ އެއްޗަކުންވެސް ބޮޑު ފައިދާއެއް އާޚިރަތުގައި ލިބިދާނެއެވެ. އަދި އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކަށް ފާރަވެރިވާށެވެ. މިއަދުވެސް ލޯމަރާލަންޖެހިއްޖެނަމަ، އަޅުގަނޑުމެން ކަށްވަޅުގައި އޮންނައިރުވެސް، އެއިން ފައިދާވާނެ ޢަމަލެއްނޫނީ މި ދުނިޔެއަށް ދޫކޮށްފައި ނުދައްޗެވެ.

Copyright © 2024 Faaru News
Made with by Afeef & Noor