ރ. އަތޮޅު ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، އަދި ހުޅުދުއްފާރަށް އަމާޒުކޮށް، ރ. އަނގޮޅިތީމް "ކިއުޓް" ޖަމިއްޔާގެ މަސްރޭހެއް ބާއްވަން ނިންމައިފިއެވެ. ޑިސެމްބަރ 16ވަަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސްރޭހަކީ މިހަރު މަސްވެރިންގެ ދުވަހާއި ގުޅިގެން ކިއުޓް ޖަމިއްޔާއިން އިންތިޒާމް ކުރާ މަސްރޭހެކެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނާއި، އިޖްތިމާޢީ ރޫޙް އާލާކުރުމުގެ އިތުރުން، މަސްވެރިންގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި ބާއްވާ މި މަސްރޭހުގެ އެއް ވަނަ އަށް ދާ ޓީމަކަށް 7000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. 1 ވަނަ ޓީމްގެ ގޮތުގައި ހޮވޭނީ މަސްރޭހުގައި އެންމެ ގިނަ ކިލޯ މަސް ބާނާ ޓީމަކުންނެވެ. މީގެ އިތުރުން 2ވަނަ ޓީމަށް 5000 އަދި 3ވަނަ ޓީމަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުންވެސް މުބާރާތުގެ އެންމެ ބޮޑު މަސް (އެންމެ ބަރު މަސް) ބާނާ ފަރާތަކަށް 1000 ރުފިޔާއާއި، މުބާރާތުގެ އެންމެ ގިނަ މަސް ބާނާ ޓީމަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުގައި މަދުވެގެން 3 މެންބަރުން ހިމަނަން ޖެހޭއިރު، އެންމެ ގިނަވެގެން ހިމެނޭނީ 5 މެންބަރުންނެވެ. ދެ ޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ދިރޭ އެން ބޭނުން ކުރުމަކީ މަނާކަމެކެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެންބަރ 10ވަނަ ދުވަހުގެ ރޭގަނޑު 11:59އެކެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމްތައް މަހަށް ފުރުން 16 ޑިސެމްބަރ 2023ވާ ހޮނިހިރު ދުވަހު މެންދުރު ފަހު 2:00ގައި ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުން އެ ރޭ 09:00ގައި އަނގޮޅިތީމް ބަނދަރަށް އަންނަން ވާނެއެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް، މުބާރާތުގެ ބައިވެރިންގެ އިތުރުން އޮފިޝަލަކު (މަހަށް ދެވޭ ގޮތަށް) ހުށަހަޅަން ވާނެއެވެ. ޓީމުތައް މަހަށް ފުރާއިރު ފުރާނީ އެ ޓީމުން ހުށައެޅި އޮފިޝަލު ނޫން އޮފިޝަލަކާއި އެކުއެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ޓީމް ދިދައަކާއި، ކުލަ އަދި ޖޯޒީއެއް ބޭނުންކުރަންޖެހޭ އިރު، 16ވަނަ ދުވަހު މެންދުރު ފަހު 01:00އަށް އަނގޮޅިތީމް ކައުންސިލް ކުރިމައްޗަށް ހާޒިރުވާން ޖެހެއެވެ.
މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތާއި، މުބާރާތުގައި ބައިވެރި ވުމުގެ ފޯމު ހޯދުމަށް 9993413 ނުވަތަ 9567216 ގުޅުމުން މި އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.