ޔަންގް ލީޑަރސްގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންނަށް ކެއަރ ޕެކޭޖްތަކެއް

ފޮޓޯ: ޔަންްގް ލީޑަރސް - ފޭސްބުކް ޕޭޖް
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

ހުޅުދުއްފާރު ސުކޫލު ޔަންގް ލީޑާސްގެ ފަރާތުން، ހުޅުދުއްފާރުގައި މަސައްކަތްކުރަމުންދާ ބިދޭސީ މަސައްކަތްތެރިންނަށް ކެއަރ ޕެކޭޖް ހަދިޔާ ކޮށްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 10 މޭ 2021ވީ ހޯމަ ދުވަހުއެވެ.

ޔަންގް ލީޑަރސްގެ ޕްރޮގުރާމްސް އެންޑް ޕްރޮޖެކްޓް ސެކްރެޓަރީ އާމިނަތު ޒުމްނާ މުޙައްމަދު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަކީ ކުރިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، މުސްކުޅިވުމުގެ ސަބަބުން ބަލި އެނދުގައި ތިބި ފަރާތްތަކަށް ޢީދު ހަދިޔާ ދިނުމުގެ ނަމުގައި ކުރިއަށް ގެންދިއުމަށް ރޭވުނު ޙަރަކާތެކެވެ. އެހެންނަމަވެސް އެކަމަށް ފަންޑް ހޯދަން އުޅުނުއިރު، އުންމީދުކުރި ވަރަށްވުރެވެސް ރަނގަޅު ފަންޑެއް ލިބުނީމައާއި، އެހެން ލީޑަރއެއްގެ ޚިޔާލާއި އެކު ބިދޭސީންނަށް ކެއަރ ޕެކޭޖް ދިނުމުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމީކަމުގައެވެ.

"މި ޕެންޑަމިކަކީ އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް ވަރަށް ދަތި އުނދަގޫ ޙާލަތަކަށްވެފައި، ކުރިންވެސް ބިދޭސީންނަކީ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަކަށްވެފައި، އަދި މިހާރު އެންމެ ދަތި ހާލުގައި އުޅޭނެ ފަރާތް ތަކަކީވެސް އެފަރާތްތައް ކަމަށްވާތީވެ އަޅުގަނޑުމެންގެ ފަރާތުން ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއް މިއީ" މި ފްރޮގުރާމުގެ މަޤްޞަދަކީ ކޮބައިތޯ ސުވާލު ކުރުމުން ޒުމްނާ ވިދާޅުވިއެވެ.

މި ގޮތުން ހުޅުދުއްފާރުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ޖުމްލަ 18 ބިދޭސީ ފަރާތަކަށް ޔަންގް ލީޑަރސްގެ ފަރާތުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ނިންމާލުމުގެ ގޮތުން ޔަންގް ލީޑަރސްގެ ފަރާތުން މުޖުތަމަޢުއަށް ދޭން ބޭނުންވާ މެސެޖެއް އޮތްތޯ ސުވާލުކޮށްލުމުން ޒުމްނާ ވިދާޅުވިއެވެ.

"މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެން އެންމެންނަކީވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ވަމާތޯ. ހަމަ އެހެންމެ އެހީތެރިކަން ފޯރުކޮށްދޭއިރު ވަކި ނަސްލަކަށް، ވަކި ޤައުމަކަށް، ވަކި ކުލަޔަކަށް، ވަކި ދީނަކަށް، ވަކި ޖިންސަކަށް، އަދި ވަކި އުމުރަކަށް ބެލުމެއްނެތި، އަޅުގަނޑުމެން އެންމެންވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމާތޯ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ އަޅުގަނޑުމެންނަށް ހައްލު ނުވާނޭ އެއްވެސް ކަމެއް ނޯންނާނެ."

އަޅުގަނޑުމެންގެ ދުޢާއަކީ ހުޅުދުއްފާރު ސުކޫލު ޔަންގް ލީޑަރސްގެ މި މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވާ، ކުރިއަށް އޮތްތާގައިވެސް، މިފަދަ ފައިދާ ކުރަނިވި ޕްރޮޖެކްޓްތައް ހިނގުމުގެ މަގު ފަހިވެގެން ދިއެމެވެ. އާމީން.

Copyright © 2024 Faaru News
Made with by Afeef & Noor