2021-23 ގެ އޭ ލެވެލް ބެޓްޗްގެ ކިޔެވުން ނިމި، ދަރިވަރުންދަނީ އެކުދިންގެ އެންމެ ފަހުގެ އިމްތިޙާނަށް ތައްޔާރުވަމުންނެވެ. 2023 ވަނަ އަހަރު ސްޓޫޑަންޓް ކައުންސިލުގެ އައު ދައުރަކަށް ވެސް މިވަނީ ކުރިމަތިލައިފައެވެ. މި ދަނޑިވަޅުގައި 23-2022 ވަނަ އަހަރު ސްކޫލުގެ ކަޕްޓަންކަމުގެ މަޤާމުގައި ހުރި ގުރޭޑު ބާރައިގެ ދަރިވަރު، އާމިނަތު ވަޙުދާ ވާޙިދުގެ ފަރާތުން ދަރިވަރުންނަށް ޚާއްސަކޮށްލެވިފައިވާ ނަސޭހަތުގެ ބަސްކޮޅެއް ޙިއްސާކޮށްލާނަމެވެ.
"ވަރަށް ގިނަ ފަރާތްތަކަށް ހީވެފައި އޮންނަނީ ސްކޫލު ދައުރުގައި ލީޑަރޝިޕް މަޤާމެއްގައި އުޅުމަކީ ދަރިވަރުގެ ކިޔެވުމަށް ބުރޫއަރާ، ކުއްޖާ ކިޔެވުމާ ދުރުކުރުވާނެ ކަމެކޭ. ނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ސްކޫލުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމަކީ، ބިނާކުރުވަނިވި ގޮތެއްގައި ވިސްނުމާއި މައްސަލަތައް ހައްލު ކުރުމުގެ އިތުރުން މަސައްކަތްތައް ވަގުތާއި އެއްގޮތަށް ރާވާލުން ފަދަ އެތައް ހުނަރުތަކެއް ދަސްވެގެންދާ ކަމެއް. އަދި ކުދިންނަށް އައު ކަންތަައްތަކެއް ތަޖުރިބާ ކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް. އެގޮތުން، މިހުނަރުތައް މެދުވެރިކޮށް، އިމްތިޙާނުތަކަށް ތައްޔާރު ވާއިރު އެކި މާއްދާތައް ކިޔެވުމަށް ވަގުތު ދޭންވީ ގޮތާއި، އިތުރު ޙަރަކާތްތަކާއި ކިޔެވުން ހަމަހަމަކަމާއިއެކު ކުރިއަށް ގެންދާނެ ގޮތް ދަސްވެގެންދޭ. އެހެންވީމަ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިރާސީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދަން ގަދަ އަޅާ މަސައްކަތް ކުރާ ފަދައިން ސްކޫލު މާހައުލުގައި އިސްނަގާ އިސްވެ އުޅޭ ދަރިވަރަކަށް ވުމަކީ މުހިންމުކަމެއް."