ނުނިމުނު އޭލެވެލް ބެޗް

ހުޅުދުއްފާރު ސްކޫލު ދަރިވަރުންތަކެއް ކިޔަވަން ދަނީ / ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
3 އަހަރު ކުރިން
2 މިނިޓް

ދަންނަވާލަން މިއުޅެނީ 2019 ވަނަ އަހަރު މާރޗް މަހު އޭލެވެލް ފެށި ބެޗްގެ ވާހަކައެވެ. އެކުދިން އޭލެވެލް ފަށައިގެން ވަކި ހިސާބަކަށް ނުދަނިސް، އެ އަހަރު އޮކްޓޯބަރ/ނޮވެމްބަރ ގައި ނެގުމަށްއޮތް އޭ.އެސް އިމްތިޙާނު 2020ގެ މޭ/ޖޫން އަށް ބަދަލުކުރި ކަމަށް ސަރުކާރުން އެންގިއެވެ. މި އާއެކު 2020ގެ ނޮވެމްބަރ ގައި ނިމެންއޮތް ބެޗުގެ ނިމުން 2021ވަނަ އަހަރުގެ ޖޫން އަށް ލަސްވީއެވެ. މިހެން މިކަންވެފައި އޮއްވާ، ކޯވިޑް-19ގެ ކަންތައް ދުނިޔެއަށް ކުރިމަތިވެ، އެޑެކްސަލް އިމްތިޙާނުތައް ލަސްވެދާނެކަމުގެ އަޑުތައް ފެތުރެން ފެށުމާއެކު މިއީ ދުވަހަކުވެސް އޭލެވެލް ކިޔަވާ ނުނިމޭނެ ބެޗެކޭ ކިޔާ އެކުދިންނަށް ދިމާކުރެވެމުން ދިޔައެވެ. މި މަލާމާތަކީ މި ބެޗްގެ ކުދިންނަކަށް އާކަމަކަށް މިހާރުނުވާނެއެވެ. އަދި މީސްމީޑިއާގައި އުޅުއްވާ ފަރާތަކަށްވެސް މިއީ އާ އަޑަކަށް މިހާރު ނުވާނެއެވެ.

2019ވަނަ އަހަރުގެ މާރޗުގައި އޭލެވެލްފެށި ބެޗުގެ އެންމެ ފަހުގެ އިމްތިޙާނުތައް ހަދަމުންދަނިކޮށް މި އިވެންފެށި އަޑަކީ ފައިނަލް އިމްތިޙާނުގެ ބައެއް ޓެސްޓް ޕޭޕަރުތައް މީސްމީޑިއާގައި ދައުރުވަމުންދާ އަޑެވެ. މި ޚަބަރުތަކާއެކު، ބައެއް ސުކޫލުތަކާއި، ބައެއް ބެލެނިވެރިންގެ ޕްރެޝާގެ ސަބަބުން އެ އިމްތިޙާނުތައް މިހާރު ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް މިހާރު މިއީ "ލައިޓް ހިއުމަރ" އިން ނިންމާލެވޭނެ އެއްޗެއްނޫންކަން އެންމެންވެސް އެބަ ދަންނަންޖެހެއެވެ.

އަޅުގަނޑު މިލިޔުން މިލިޔަނީ އޭލެވެލް އަށް ކިޔަވައިދޭ މުދައްރިސެއްގެ ހައިސިއްޔަތުންނެވެ. އަޅުގަނޑު މިލިޔުން މިލިޔަނީ އޭލެވެލްގައި ކިޔަވަމުންދާ ކުއްޖަކަށް ޚަރަދު ކުރަމުންދާ ބެލެނިވެރިއެއްގެ ހައިސިއްޔަތުންނެވެ. އަދި އަޅުގަނޑު މިލިއުން މިލިޔަނީ އޭލެވެލް ކިޔަވަންފަށައި އެއްއަހަރުގެ ކިޔެވުމަށްފަހު އެހެން ކޯހެއް ކިޔަވަން ފެށުމުން އެއް އަހަރު "ބޭކާރުވި" ދަރިވަރެއްގެ ހައިސިއްޔަތުންނެވެ.

ފުރަތަމަ މުދައްރިސެއްގެ ހައިސިއްޔަތުން އެއްޗެއް ބުނެލާނަމެވެ. އޭއެސް ހެދުން ހަމަސް ދުވަހަށް ލަސްވެގެން ދިއުންވީ ކުދިން އިމްތިޙާނަށް ތައްޔާރުކުރުމުގައި ވަރަށް ފަސޭހަވި ކަމަކަށެވެ. އޭ.އެސްގެ ސިލަބަސް ނިންމާލާ، އޭ2ގެ ސިލަބަހުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ކަވާރ ކޮށްލުމުގެ އިތުރުން، އޭއެސްގެ ރިވިޝަންއަށްވެސް ހިތްހަމަޖެހޭ ވަރުގެ ވަގުތު ލިބުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އޭއެސްގައި އަޅުގަނޑު ކިޔަވައިދިން ހުރިހާ ދަރިވަރުން ފާސްވުމެވެ.

ނަމަވެސް އިކޮނޮމިކްސް ކިޔަވައިދޭ މީހެއްގެ ހައިސިއްޔަތުން މިވަރުން ފުއްދާލައިފިނަމަ އެއީ އަޅުގަނޑު ކިޔަވައިދޭ މާއްދާއަށް ހަރާންކޯރުވުންކަމުގައިވާނެތީ ދަންނަވާލަމެވެ. އިކޮނޮމިކްސްގެ ބައެއް ތިއަރީ ތަކުގައި މަޝްވަރާކުރާއިރު ދެކޭގޮތަށް، އަޅުގަނޑުމެންނަށް އެންމެ ފެކްޓަރ އެއް ނުވަތަ ބަހާއެއް( މިސާލަށް މިވާހަކަ ދެކެވޭ މަޢުލޫގައިނަމަ، ކިޔެވައިދިނުމަށް ލިބޭ ވަގުތު) ނަގާފައި، އެހެން ހުރިހާ ފެކްޓަރތަކެއް ނުވަތަ ބަހާތަކެއް އެއްވަރެއްގައި ހުންނާނެކަމަށް ހީކޮށްގެންނުވާނެއެވެ. ދުވަސް ދާވަރަކަށް ކުދިންގެ އުމުރު އިތުރުވެ، ވަގުތުތަކެއް ކުދިންގެ ޙަޔާތުން ގެއްލިގެންދާކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އޭގެ އިތުރުން ކުދިންނަށް ނަފްސާނީ ގޮތުން އައިސްދާނެ ބަދަލަކާއި، ކުދިންގެ މޯޓިވޭޝަނަށް އައިސްދާނެ ބަދަލަކާއި މެދުވެސް ވިސްނަން ޖެހެއެވެ. ކުދިން އެކުދިންގެ މުސްތަޤުބަލާ މެދު ދެކެމުން އަންނަ ހުވަފެންތަކެއްވެސް ހުރެދާނެކަމަށް ދެކެންޖެހެއެވެ. މިކަހަލަ ކިތަންމެ އިތުރު "ފެކްޓަރ" އަކަށް މިކަހަލަ ނިންމުމެއްގެ ސަބަބުން އަސަރު ކުރާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.

އެހެންކަމުން، އިކޮނޮމިކްސް ކިޔަވައިދޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަން އޮތްހާވެސް އެއްޗަކީ، މިކަހަލަ ނިންމުމެއްގެ ސަބަބުން އަންނާނެ "އޮޕޮޗިއުނިޓީ ކޯސްޓަށް" ވިސްނާލަންޖެހޭނެކަމެވެ.

ދެންއޮތީ ބެލެނިވެރިންގެ ވާހަކައެވެ. ރަނގަޅެވެ. ބެލެނިވެރިންގެ އިޙްތިޖާޖުގައި ހުރި ޕޮއިންޓްތައް ރަނގަޅެވެ. އެހެންވީމާ އޭގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތީމެވެ. އެހެންނަމަވެސް ބެލެނިވެރިންގެ އަތުން "އިތުރަށްދާ" ޚަރަދަށް ވިސްނާލީ ކިތައް ބޭފުޅުންތޯއެވެ. ﷲގެ އިރާދަފުޅުން އަޅުގަނޑަށް ލިބޭ މުސާރައަކުން، އަޅުގަނޑުގެ ބެލެނިވެރިކަމުގައި ހުރި ދަރިވަރަށް އެބަ ޚަރަދު ކުރެވެއެވެ. އަދި އަޅުގަނޑުގެ އަންހެނުންވެސް ވަޒީފާއެއްގައި އުޅޭތީ، އަޅުގަނޑަށް ދަތިވެއްޖެ ޙާލެއްގައި އޭނާވެސް އަޅުގަނޑަށް އެހީތެރިވާނެއެވެ.

އެހެން ނަމަވެސް، ދަތި ޙާލުގައި އުޅެމުންދާ ކިތައް ބެލެނިވެރިން މިރާއްޖޭގައި އުޅޭނެތޯއެވެ؟ ދަރިފުޅާ މެދު ފޮނި ހުވަފެންތަކެއް ދެކި ދަރިފުޅު މާލެ  ފޮނުވައި، ލިބޭ މުސާރަކޮޅު އެއްކޮށްހެން، މާލޭގެ ކުއްޔަށް ދުއްވާލަމުންދާ ކިތައް ބެލެނިވެރިން އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެހެއްޔެވެ؟ އެހެންވީމާ، ސަރުކާރުން ކުދިންގެ އިމްތިޙާނު ފީ ދައްކައި ދޭނެއޭ ކިޔާ ނިންމާލުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށްވެދާނެއެވެ.

ދެން އޮތީ ދަރިވަރުންގެ ވާހަކައެވެ. ދަންނަވަންތޯއެވެ! އަޅުގަނޑު އޭލެވެލް ވަކި ހިސާބަކުން ދޫކޮށްލާފައި އެހެން ކޯހަކަށް ދިޔައީ އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުގައި، އަޅުގަނޑު އެކަމަށް ބޭނުންވެގެންނެވެ. އެހެންނަމަވެސް އަޅުގަނޑު އެ ނިންމުމުގެ ސަބަބުން އަޅުގަނޑަށް ގެއްލުނު އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި އަޅުގަނޑު އަދިވެސް ދެކެނީ އެ "ބޭކާރު" ވެގެން ދިޔަ އެއް އަހަރެވެ. ދިރިއުޅުމުގެ އެހެން މައްސޫލިއްޔަތު ތަކަށް ވިސްނަންނުޖެހި، މިނިވަންކަންމަތީ އުޅެން އޮތް އަހަރު ތަކުގައި އަހަރެއް މީހާގެ ޙަޔާތުން ގެއްލިގެން ދިއުމަކީ، އެތައް ކަމެއް ކުރުމަށް އޮތް ވަގުތުތަކެއް ގެއްލިގެންދިއުމެވެ.  

އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑު އަމިއްލައަށް ބޭނުންވެގެން އަހަރެއް ބޭކާރު ކޮށްލީމާ ކުރެވުނު އިޙްސާސްގެ ވާހަކައެވެ. އެހެންކަމުން ދަރިވަރުންތަކެއްގެ އެއްވެސް އިޚްތިޔާރެއްނެތި އަހަރެއް ބޭކާރުކޮށްލަން މަޖުބޫރު ކުރުވުމަކީ ކުދިންނަށް ދެވޭނެ އަނިޔާއެއް ކަމުގައި ނޫނީ ނުދެކެވޭނީ ކޮން ހައިސިއްޔަތަކުންތޯއެވެ؟

ރަނގަޅެވެ. މިނިސްޓްރީއިން ކުދިންނަށް އަވަހަށް ނިންމާލާނެ ފުރުޞަތެއް ދީފައި އެބައޮތެވެ. އެހެން ނަމަވެސް މިވާހަކަ މި ބީދައިން އަޅުގަނޑަށް ދައްކަން މަޖުބޫރު މިވީ، ބައެއް ސުކޫލުތަކުން އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އޮކްޓޯބަރ/ނޮވެމްބަރ ގައި ހަދާ އިމްތިޙާނު އިޚްތިޔާރު ކުރުމަށް ކުދިންނަށް ޕްރެޝަރ ކުރާނެތީއެވެ.

އެހެންކަމުން މިނިސްޓްރީއިން ދެއްވާފައިވާ ދެ އޮޕްޝަންގެ ތެރެއިން ކުދިން ބޭނުން އޮޕްޝަނެއް ނަގަން ކުދިންނަށް ދޫކޮށްލުން އެއީ މިވަޤުތު އެކުދިންގެ ޙައްޤުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ މުހިންމު އެއްކަމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor