އަނެއްކާ އަނެއް ފަހަރު އޭލެވެލް އިމްތިހާނު ކެންސަލްވުމުން، 2019 ވަނަ އަހަރު ފެށުމާއެކު އޭލެވެލް ފެށި ކުދިންނަށް މަތީ ޘާނަވީގެ ދަތުރު ނިމުމަކާ ގާތްނުވެ މިވަނީ ހުއްޓާނުލާ ކުރިއަށްގެންދަން ޖެހިފައެވެ. ނިމޭނެ އިރެއް ނޭނގެއެވެ. ވާނެ ގޮތެއް ވާންވީ ގޮތެއް ވެސް ނޭނގެއެވެ. އެއްވެސް ކަމަކަށް އެކުދިންގެ ބާރެއްވެސް ނެތެވެ.
މިކުދިންނަށް ފުރަތަމަ ދިމާވީ އޭއެސް އިމްތިހާނު 6 މަހަށް ލަސްވުމުން، ފުރަތަމަ ސެމިސްޓަރ އަލުން ކިޔަވަން ޖެހުމެވެ. އޭލެވެލް ނިންމޭނެ އަންދާޒާ ދުވަސް ބައި އަހަރަށް ފަހަތަށް ޖެހުނެވެ. އެއަށްފަހު ލައްވާލީ ކޮވިޑް19ގެ ވަބާއެވެ. އޭގެ ސަބަބުން ކިޔެވުން މެދުކެނޑި އަނެއްކާވެސް ކިޔެވުން ދިގުދަންމާ ގޮތްވިއެވެ. މިފަހަރު އެންމެ ފަހު އިމްތިހާނު ހަދާފައި އަތްފޮޅާލަން ތައްޔާރަށް ތިއްބާ މިޖެހުނީ ޕޭޕަރު ލީކުވާ ވަބާއެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް މިވަނީ އިމްތިހާނު ލަސްކުރަން ޖެހިފައެވެ. އޭގެ ފަހުންވެސް ވެދާނެ ގޮތެއް ނޭނގެއެވެ.
މިހުރިހާ ނިންމުމެއް ނިންމާއިރުވެސް، ހަލާ ހުރިހާ ދަނޑިއެއްގެ ހުރިހާ ކޮޅަކަށްވެސް ބަލާނެކަން ޔަޤީނެވެ. އެއްކޮޅުން ފެންވަރުގެ ތަޢުލީމެއް ދީ، ދަރިވަރުންނަށް އެކަށޭނަ ވަގުތާއި މާހައުލެއް ހޯދައިދިނުމެވެ. އަނެއްކޮޅުން އެކުދިންގެ ޢުމުރެވެ. އަނެއްކޮޅުން ނަތީޖާއެވެ. އަނެއްކޮޅުން ބެލެނިވެރިންނެވެ. އަނެއްކޮޅުން އިމްތިހާނު ދޭ މުއައްސަސާތަކުގެ ނިންމުންތަކެވެ. ނިންމުންތައް ނިންމަން އުނދަގޫ ވަނީ މިހެންވެއެވެ. ކޮންމެގޮތަކަށް ނިންމަން ޖެހުނަސް، އާޚިރުގައި އެންމެ ބޮޑު އަސަރެއް މިކުރަނީ ދަރިވަރުންނަށެވެ. އެންމެ ބޮޑަށް ބަލަން ޖެހޭނީވެސް ދަރިވަރުންގެ ޚިޔާލަށެވެ. އޭލެވެލެއް ނުނިމިގެން، ކޮވިޑް19ގެ މާޔޫސްކަމާއި، އިތުރަށް ކިޔަވަންދާން ހުރި ފުރުސަތުތައް ހަނިވަމުން ދިޔުމުގެ ބިރާއި، ނިންމާފައި ނުކުމެ ވަޒީފާ ހޯދަން ކުރަން ޖެހޭ އުނދަގޫ ހަނގުރާމާގެ ހުރިހާ ފިކުރެއްގައި ފަނާވަނީ ދަރިވަރުންނެވެ. އެހެންކަމުން ދަރިވަރުންގެ ޝުޢޫރުތައް އެއްތަނަކުން ފެންނާނެ ގޮތެއް ވޭތޯ މަސައްކަތްކުރީމެވެ.
އޭލެވެލް ކެންސަލްވުމާއެކު، ކިޔަވާދިން ދަރިވަރުންގެ އިހްސާސްތައް ހުރި ގޮތެއް ބެލުމަށް ޑީއެމް ކޮށްލީމެވެ. ފުރަތަމަ "ޔޯ" ޖަހާލުމާއެކު، ޖަވާބުގައި އަންނަންފެށީ "ކްރައިންގ އެމޯޖީސް"ތަކެވެ. ވާހަކަ ދެއްކޭ ވަރު ވަނީ އެއަށްފަހުއެވެ. ރާއްޖޭގެ ގިނަ ހައި ސްކޫލުތަކެއްގެ ދަރިވަރުންނާ ވާހަކަ ދެކެވިއްޖެއެވެ. އެކި ކުދިންގެ ޚިޔާލުތައް ހޯދިއްޖެއެވެ. އުދާސްތައް އިހްސާސް ކުރެވިއްޖެއެވެ.
އެކި ކުދިންގެ ޚިޔާލުތައް ތަފާތެވެ. އެކި ކުދިން ޝައުޤުވެރި ވާނީވެސް އެކި ކަމަށްތާއެވެ. އެއްބައިކުދިން ބޭނުންވަނީ އިމްތިހާނުކުރިއަށް ގެންގޮސް އަވަހަށް ނިންމާލާށެވެ. އަނެއްބައި ކުދިންނަށް ވަކި ރަނގަޅު ގޮތަކީ ކޮބައިކަމެއް ބުނެދޭކަށްމެ ނޭނގުނެވެ. އަނެއްބައި ކުދިން ބޭނުންވީ ލަސްވިޔަސް ރަނގަޅަށް މިކަން ނިންމާށެވެ.
ލަސްވާ ކޮންމެ ދުވަހަކީ ވޭނެއް
އޭލެވެލްއަކީ ބުރަ އަހަރުތަކެކެވެ. އޭލެވެލް ޓީޗަރެއްގެ ހައިސިއްޔަތުން މިކަމަށް ފުރިހަމައަށް އެއްބަސްވަމެވެ. ހަމައެކަނި ކިޔަވާ ކިޔެވުމެއް ނޫނެވެ. ދަރިވަރުންގެ އުމުރާ ގުޅިގެން ކުރިމަތިވާ ގިނަ ކަންކަމުގެ ބުރަވެސް ކުޑައެއް ނޫނެވެ. ކުރަން ޖެހޭ ފިކުރުތަކުގެ ބަރުމިންވެސް ލުޔެއް ނުވާނެއެވެ. އެހެންކަމުން، މިބުރައިގައި ދިގުދެމެން ޖެހިއްޖެނަމަ، އެއީ ދަރިވަރުން ތަހައްމަލުކުރާނެ ވޭނެކެވެ.
"އަނެއްހެން އޯކޭ ދެން ދޯ. އެކޯން އާއި ބިޒްނަސް އެކަނި އަހަރެމެންނަށް ލަސްވަނީ. ޓީޓީ، ދިވެހި އިސްލާމް ޖޫންގައި ހަދާނެ ވިއްޔަ. އެކަމް ވެސް އޮކްޓޯބަރ / ނޮވެމްބަރ އަޅުގަނޑަށް މާ ލަސް." އެއްކުއްޖަކު އޭނާގެ ޙާލަތު ބަޔާންކުރިއެވެ.
އޮކްޓޯބަރ / ނޮވެމްބަރ އަށް ލަސްކޮށްގެން މިހާރު ލިބެން އޮތީ ސްކޯލަރޝިޕްގެ ފުރުސަތެވެ. ގިނަ ސްކޫލުތަކުން ދަރިވަރުން މި ސީރީޒް ނަގަން ބާރު އަޅަނީވެސް މިސަބަބާއިއެކު ސްކޫލުގެ ނަތީޖާވެސް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދުގައެވެ.
"އަޅުގަނޑު މިއުޅެނީ ސްކޮލާރޝިޕަށް އެޕްލައި ނުކުރެވިގެނެއް ނޫން. އޭލެވެލް ނުނިމިގެން." އެއްކުއްޖަކު އުދާސްތައް ބަންޑުންކޮށްލިއެވެ. ރަނގަޅެވެ. 3 އަހަރު ވެގެންދާއިރު، ބުރަ ބޮޑު އޭލެވެލް ކޮޅެއްގައި ޖެހުމުގެ އުއްމީދެއް ނެތްކަން އިހްސާސްވާނަމަ، އެއީ އުދާސްވާނެކަމެކެވެ.
"އަސްލު ތެދަށް ބުނަންޏާ މިސްކޫލުގަވެސް ވަރަށް މަސައްކަތްކޮށްދިން އޭޕްރީލް/މެއި ގަ އެގްޒާމް ހަދާކުދިންނަށް..." އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވާ ކުއްޖަކު ކިޔާދިނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ ބޮޑު އިމްތިހާނަކަށް ތައްޔާރުވާން މަސައްކަތް ކުރާނެ ވަރު ހިތަށް އަރުވާށެވެ. މިހުރިހާ މަސައްކަތެއް 'ފެނަށް' ވާން ވީމާ ކުދިން މާޔޫސްވީއެވެ.
"ގިނަ ކުދިންނަށް އިތުރުވާ ކޮންމެ ދުވަސްތަކަކީ ވަރަށް ބޮޑު ދަތިކަމެއް. ޕޭރެންޓްސް އަށް ބަރޑެން އަކަށް ވެފަ މި އޮންނަނީ. އަޅުގަނޑަކީވެސް އޭލެވެލް ކިޔަވަން މާލެ އައި ކުއްޖެއްވީމާ އެކަންކަން އެނގިގެން މި ބުނީ" އޭލެވެލް ކިޔަވަން މާލެ ފައިބާ ހުރި ދަރިވަރަކު ކިޔާދިނެވެ.
މާލީ ދަތިކަމުގައި ބީވަނީ
ބައެއް ބޭފުޅުން އަދިވެސް ގަބޫލުކުރާ ގޮތުގައި، ސަރުކާރުން ހިލޭ ތަޢުލީމު ދޭތީ، އަދި އިމްތިހާނުތަކުގައި ބައިވެރިވާން ފީ ދައްކާލަދޭތީ ދަރިވަރުން މާލީ ގޮތުން ހާސްވާންވީ ކަމެއް ނެތެވެ. އެހެނަސް، އޭލެވެލް ކިޔަވާ ކޮންމެ ކުއްޖަކީ އާއިލާއާއެކު މަންމަމެން ގޭގައި ތިބެ ކިޔެވުމުގެ ފުރުސަތު ލިބި ތިބި ބައެއް ނޫނެވެ. ރަށުގައި އޭލެވެލް ނެތިގެން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ކުދިންގެ އަދަދު، އަމިއްލަ ރަށުގައި ތިބެ ކިޔަވާކުދިންނަށްވުރެ ގިނަ ވާނެއެވެ. އަޅުގަނޑު ހުޅުދުއްފާރު ސްކޫލުގައި ކިޔަވާދިން އަހަރުތަކުގައި އޭލެވެލް ދަރިވަރުންގެ އަޣްލަބިއްޔަތަކީ ރަށުން ބޭރުން އައިސް ތިބޭ ކުދިންނެވެ. މާލޭގައި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ދިން އިރު މި އިންސައްތަ އުޅެނީ 100 އާ ގާތުގައެވެ. މާލެއަށް ނުވަތަ އެހެން ރަށަކަށް ކިޔަވަން ގޮސް ތިބޭ ކުދިންނަށް، ހިލޭ ތައުލީމެއް ލިބުނަސް، ދިރިއުޅުމުގެ ހަރަދު އެއަށްވުރެ ހާސްގުނަ ބޮޑުވާނަމަ، މާލީ ގޮތުން ދަތިކަމާ އެބަ ދިމާވެއެވެ. ޚާއްޞަކޮށް، ކޮވިޑް19ގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ދަތިކަމުގައި މިކަން އަދި އިތުރަށް ގޯހެވެ.
އާއިލާއަށް ދިމާވާ ދަތިކަން ހައްލުކުރުމަށް ބުރަ އޭލެވެލްއާ އެކު ގިނަ ކުދިންނަށް ވަނީ ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރަން ޖެހިފައެވެ.
"ޕާޓްޓައިމްކޮށް ވޯކް ކުރާ ކުދިންވެސް މަދެއް ނޫން. އެކުދިންނަށް މިއީ އިތުރު ތަކުލީފެއް އަނެއްކާވެސް." ކިޔަވަމުން އާމްދަނީ ހޯދަން މަޖްބޫރުވެފައިވާ ކުއްޖަކު ކިޔާދިނެވެ. މިކުދިންނަށް ވަޒީފާވެސް ދޫކޮށްލެވެން ނެތެވެ. ކިޔެވުންވެސް ނިމޭކަށް ނޫޅެއެވެ.
"އަޅުގަނޑަކީ ޢާއިލާގެ އެންމެ ދޮށީ ކުއްޖާ. މަންމައާއި ބައްޕަގެ އިތުރު 3 ކުދިން ތިބޭ. އާމްދަނީ ލިބޭ ހަމައެކަނި ގޮތަކީ ބައްޕަގެ މަސައްކަތުން. އެކަމަކު އެއިން ނުއެއް ފުދޭ... ފެށުނީއްސުރެ އާއިލާގައި މައްސަލަތައް ކުރިމަތިވަމުން އައީ. އަޅުގަނޑުގެ ކިޔެވުމަށްވެސް ނޭދެވޭ އަސަރު ކުރި. ފަހުން ޑިވޯރސްއަކާ ހިސާބަށް ދިޔާމަ، ދެން އަޅުގަނޑަށް ހީވަނީ އެކަން ހައްލުވާން އަންނަނީ އަޅުގަނޑު ލާރި ހޯދަން ފެށުނީމަ ކަމަށް. ކޮންމެވެސް ގޮތަކަށް މިކަންކަން ހައްލުވާނެކަމަށް އުއްމީދުކުރަނީ." ރާއްޖެތެރޭ ސްކޫލެއްގައި މޮޅަށް ކިޔަވަމުން އައި ދަރިވަރެއް ކިޔާދިނެވެ.
"އަޅުގަނޑު ފްރީލޭންސްކޮށް އެކި ޕްރޮޖެކްޓްސް ނަގަން ޖެހުނީ ކިޔެވުން ނިމެންދެން މަންމަމެންނަށް ކޮންމެ މަހަކު ހުންނަ ގޭގެ ކުލިދައްކަން ލާރި ނުފޮނުވި ދާނެތީ. މަންމަމެންވެސް ދަތިކަމުގައި އުޅޭކަން އެނގޭ." އެކީ އެއްފަހަރާ 3 ވިޔަފާރިއަކަށް މަސައްކަތްކޮށްދޭ އޭލެވެލްގެ ދަރިވަރެއް ކިޔާދިނެވެ.
ކިޔެވުމަށް ހުސްވެގެން މަންމަ ދިނީމާ ކާލައިގެން، ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހޯދާލަން ޓިއުޝަން ނަގާލަ ނަގާލަ ހުންނަ ކުއްޖާ އިމްތިހާނުތައް ލަސްކުރަން ވަރިހަމަ ވިޔަސް، ގިނަ ކުދިންނަށް މިކަން ދަތިކަމަކަށް ވަނީ މިހެންވެއެވެ.
ސްކޫލުގައި ތާށިވުމުގެ އިހްސާސް
3 އަހަރުވަންދެން އުޅެގެންވެސް އޭލެވެލް ކޮޅެއްގައި ޖެއްސުމުގެ އުއްމީދެއް ނެތުމުން ބައެއް ކުދިން ތިބީ ތާށިވެފައިވާ ކަމުގެ އިހްސާސެއްގައެވެ. އޭލެވެލްއަށް ފާސްނުވާ ކުދިން މިހާރު ޑިޕްލޮމާ ނިންމާ "ފްރީ ޑިގުރީ" ފަށައިފިއެވެ. ފާސްވެގެން އޭލެވެލަށް އައި ކުދިންނަށް ތިބެން ޖެހުނީ ބިންގަރާހުގެ ކޮޅުން އަލި ނުފެނިފައެވެ.
"މިހާރު މި އިހުސާސްތަކަކީ ގަލަމަކުން ގޮބޮޅިއަކުން ކިޔާދެވޭނެ ވަރަށް ވުރެ ފާޑެއްގެ އިހްސާސެއް" އެއްކުއްޖަކު ގާތު އިހްސާސްތައް ކިޔާދޭން ބުނުމުން ފެށިއެވެ. "އޭލެވެލްއަށް ޖޮއިން ކުރީ އަވަހަށް ކުރުމަގަކުން ކުރިއަށް ދާންވެގެން. އެކަމު އޭލެވެލް މިވީ އިބިލީހު ކައިވެންޏަށް. އޭރު 11 އަށް ޖޮއިން ނުކުރެވުން ކުދިން ވެސް އެބަ އުޅޭ މިހާރު ޑިގްރީ ހިސާބުގަ." މާޔޫސް ކަމާއެކު އޭނާގެ ވާހަކަ ކިޔާދިނެވެ.
"އަޅުގަނޑަކީ ސްކޫލުގެ ކެޕްޓަން. އޯލެވެލްގައި ޓޮޕްއެޗީވާރސް އެވޯރޑްސްއަށްވެސް ދިޔައިން. ސްކޫލުން ބޭނުންވަނީ އަޅުގަނޑު ރަނގަޅަށް ތައްޔާރުވެގެން އޮކްޓޯބަރ ނޮވެމްބަރ ގައި އެގްޒާމް ހަދަން. (އެހެންނަމަވެސް ދިމާވި އާއިލީ މައްސަލައެއްގެ ސަބަބުން) އޭޕްރީލްގަ ހަދަން އަޅުގަނޑު ނިންމީ. ޗެލެންޖެއް ގޮތުގައި އެކަން ނެގިން. އެކަމަކު މިހާރު އެކަންވެސް މިވީ ބޭކާރު."
"މިހާރުވެސް 2 އަހަރާއި ބައި ވީ. މިހާރު އެބަ ސްކޫލުގައި އުޅެން ފޫހިވާން ފަށާ. އަހަރެން އެހާ ބިޒްނަސް ސްޓްރީމް ކިޔަވާ ހިތެއްވެސް ނުވޭ. އެކަމަކު ރަށުން ކިޔެވޭން އޮތީ މީ ވީމާ ކިޔަވަނީ. އަސްލު ބޭނުމީ އައިޓީ ކޯހަކަށް ދާން. އެކަމަކު ރަށު ސްކޫލުގައި އޭލެވެލް ފަށާދޭން ވެގެން މަޑު ކުރީ." ސްކޫލަށްޓަކާ އަމިއްލަ މުސްތަޤްބަލް ގުރުބާން ކުރެވޭ ކަމުގެ އިހްސާސް މިހާރު ކުރާ ކުއްޖަކު އަސަރާއެކު ކިޔާދިނެވެ.
"ސްކޫލުން ބޭނުންވޭ ބެލެނިވެރިންގެ އިތުބާރު ހޯދަން. ބެލެނިވެރިން ސްކޫލަށް އިތުބާރު ނުކުރާތީ ދަރިން މާލެ ފޮނުވަނީ. މިއީ 2 ވަނަ ބެޗު. އެހެންވެ ސްކޫލުން ވަރަށް މަސައްކަތްވެސް ކޮށްދިން. މިހުރިހާ ކަމަކަށްފަހު އެގްޒާމް ކެންސަލްވީމާ، ވަރަށް ދެރަވި."
"ދިސް ރިއަލީ ހާޓްސް. އައި ވިޝް ދެއަރ އިޒް ސަމް އަދާ ވޭ." ރާއްޖެތެރޭ ރަށެއްގެ އެހެން ކުއްޖެއް ކިޔާދިނެވެ.
"ތޭންކް ޔޫ. އައި ސްޓިލް ޑޯންޓް ނޯ އައި ކޭން ކޮންޓިނިއު ޓިލް އޮކްޓޯބަރ" އޭނާ ނިންމާލީ މިޖުމްލައިންނެވެ. ސްކޫލެއްގެ ކެޕްޓަންއެކެވެ. އޯލެވެލްގައި ފަޚުރުވެރި ވަނައެއް ހޯދި ދަރިވަރެކެވެ.
ޑްރޮޕް އައުޓްސް: ހައްލެއް ބޭނުން
ކޮވިޑް19ގެ ސަބަބުން ގިނަ އާއިލާތަކެއް މާލީގޮތުން ދަތިކަން ތަހައްމަލުކުރަމުން ދާއިރު، ގިނަ އާއިލާތަކަކަށް ވަނީ އޭލެވެލް ދިގު ދަންމާނެ ވަރަކަށް ދަރިފުޅު ސްކޫލުގައި ބަހައްޓަން އުނދަގޫވެފައެވެ. މިދައްކަނީ ޕްރީ ސްކޫލަށްދާ ތުއްތު ކުދިންގެ ވާހަކައެއް ނޫނެވެ. އަރާ އަރަފޯދި، ވަޒީފާއަކަށްގޮސް އާމްދަނީއެއް ހޯދުމަށް ތައްޔާރަށް ތިބި ކުދިބައެއްގެ ވާހަކައެވެ. ގިނަ ފަހަރަށް ރަށުން ބޭރަށް ފޮނުވާ، އާއިލާއާ ދުރުގައި ކުލިދައްކައިގެން ވަކިން އުޅޭ ކުދިންގެ ވާހަކައެވެ. ސްކޫލަށް ފީ ނުދެއްކިޔެއް ކަމަކު، އިމްތިހާނަށް ޚަރަދުކުރަން ނުޖެހުނެއް ކަމަކު، ދިރިއުޅުމުގެ އަގު މިއީ ސަރުކާރުން ބަލަހައްޓައިދޭނެ ޚަރަދެއް ނޫންތާއެވެ.
"ޕެންޑަމިކްގެ ތެރެއިން ވަރަށް ގިނަ ކުދިން ސްކޫލުން ކެނޑިއްޖެ މިހާރުވެސް. ޚާއްސަކޮށް ރާއްޖެ ތެރެއިން އޭލެވެލް ކިޔަވަން މާލެއައިސް ތިބި ކުދިން. ބައެއް ކުދިންނަށް ފައިނޭންޝިއަލީ އެނޫން ގޮތެއް ނެތިގެން." މާލޭ ސްކޫލެއްގެ ކެޕްޓަން ކިޔާދިނެވެ.
"އަޅުގަނޑުގެ ރައްޓެއްސަކު ސްކޫލުން ކެނޑުނު. އޭނާ މިހާރު ޑިޕްލޮމާ ނިންމަނީ. ޕާޓްޓައިމް ވަޒީފާއަށްވެސް ދޭ. އަޅުގަނޑުމެންވެސް އޭރު ކެނޑެވުންނަމަ މާ ރަނގަޅުވީސް ކަންނޭނގެ." މާޔޫސްވެ އެހެން ކުއްޖަކު ކިޔާދިނެވެ.
ކިޔެވުން ދިގުލާން ޖެހުމަކީ އިތުރު ކުދިން ކެނޑެން މަޖުބޫރުވާ ކަމަކަށް ވެދާނެއެވެ. އޭގެ ކުރިން މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.
އަވަހަށް ނިންމަން ދިން އިޚްތިޔާރާމެދު ހުރި ކަންބޮޑުވުން
"އަވަހަށް ނިންމަން ބޭނުންކުދިންނަށް އެސެސްމެންޓް ބޭސްޑް އެގްޒާމްސް ހެދެން އޮޕްޝަން އެބަ އޮތް." އޭލެވެލް މިހާރުވެސް މާދިގުލައިފިކަމަށް ދެކޭ ކުއްޖަކު ބުންޏެވެ.
އެސެސްމެންޓް ބޭސްޑް އެގްޒާމް މިއީ އަވަހަށް ނިންމަން ބޭނުންވެފައި ތިބި ކުދިންނަށް ރަނގަޅު ފުރުސަތެކެވެ. އެހެނަސް މީގައިވެސް ދަރިވަރުންނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.
"މިގޮތަށް ހަދައިފިނަމަ ސްކޮލަރޝިޕްތަކަށް އެޕްލައިކުރަން ހުރަސްތަކެއް ދިމާވާނެ. ދެން އެންމެން ސްކޮލަރޝިޕްއަށް އެޕްލައިކުރަން ބޭނުންނުވިޔަސް، ބޭނުންވާނެ ކުދިން އުޅޭނެތާ. އެކުދިންނަށް ހަމަ ގައިމުވެސް ގެއްލުން. އެކަމަކު މިގޮތް ނުހަދައިފިނަމަ، ސްކޮލަރޝިޕަށް އެޕްލައިކުރުމުގެ ޝައުޤުނެތް ކުދިންނަށް ކިހާ ދެރަތޯ؟"
މިގޮތަށް ނަތީޖާ ނެރޭއިރު އެކުދިންގެ މޮކް އެގްޒާމްގެ މާކްސް ނަގާތީ އެއީ ގިނަކުދިންގެ ކަންބޮޑުވުމެކެވެ.
"އަވަހަށް ނިންމަން ބޭނުމީ. އެކަމު މިހާރު މޮކްގެ ޕަސަންޓޭޖެއް ލާ ވާހަކަ ބުނީމާ ސަކަރާތް. އަސްލު ބޮޑު ޓެސްޓު އޮއްވާ ކުދިން ނުވާނެ ދޯ މޮކްއަކަށް ރެޑީއެއް."
"ކާކުތޯ ބޮޑު އިންޓަނޭޝަނަލް އެގްޒާމެއް އޮއްވާ، މޮކް އެގްޒާމަށް ރެޑީ ވާނީ. ގިނަކުދިން މޮކް އެގްޒާމް ނުނަގާނެ ކަންނޭނގެ އެހާ ސީރިއަސް އެއްޗެއް ގޮތަށް އެއް އިރެއްގަވެސް. އަޅުގަނޑުމެންވެސް ހަދާ ހިތަކުން ނޫން ހެދީ. މިހާރު ކިޔެވުން މަތިން ފޫހިވާ ވަރުވެސް ވެއްޖެ. އަނެއްކާވެސް އަވަހަށް ނިންމަން ބޭނުމިއްޔާ މީގެ ނަތީޖާއަށް ބަލަންޏާ އެހާ ރަނގަޅެއް ނޫން އަޅުގަނޑަށް."
"ފެއަރ އެގްޒާމެއް ހަމަ ނަގަންވީ އަލުން. އޭގަ ކޮބާތޯ އޮތް ހުރަހަކީ. ސްކޫލުތަކުން އަނެއްކާވެސް ހަމަ ފައިނަލް އެގްޒާމެއް ނަގަންވީ. ނިމިފައި އޮތް އެގްޒާމެއްގެ މާކްސް އޭރު ނުބުނެ ނެގުން އެހާ ފެއަރއެއް ނޫން ކަންނޭނގެ."
"ވީ ޝުޑް ހޭވް ބީން ގިވެން އޮޕްޝަންސް ޓު ކޮންސިޑަރ އޭޕްރީލް/މެއި އޯރ އޮކްޓޯބަރ ވިތު ސްކޮލާރޝިޕް އެންޑް އޯލް" ދެ ސީރީޒްގައިވެސް ފުރުސަތުތައް ހަމަހަމައަށް ލިބެން އެދޭކަން އެހެން ކުއްޖަކުވެސް ފާޅުކުރިއެވެ.
"އަވަހަށް ނިންމަން ބޭނުންވާ ކުދިންގެ ތެރޭގައިވެސް ތިބޭނެ މަކަރުވެރިން ނޫން ކުދިން." ވިލާ އިންޓަރނޭޝަނަލްގައި ކިޔަވަމުންދާ ކުއްޖަކު ބުންޏެވެ.
"(އަޅުގަނޑު އެދެން ބޭނުންވަނީ) މިހާރު އެސެސްމެންޓް ނަގަން އުޅޭ ގޮތް ބަދަލުކުރަން. އެޓްލީސްޓް ޓީޗާރުންގެ އެސެސްމެންޓް އިން ސްކޮލާރޝިޕްސް އަދި ޓޮޕް10 ލިބޭ ގޮތް ވިޔަސް، ގޮތެއް ނެތް ކުދިންނަށް ވަރަށް ބޮޑުވަރެއް އެއީ." ރާއްޖެތެރޭ ރަށެއްގެ ސްކޫލް ކެޕްޓަންއެއް ޚިޔާލު ފާޅުކުރިއެވެ.
އަވަހަށް ނިންމަން ބޭނުންވާ ކުދިން އަވަހަށް ނިންމަން ބޭނުންވަނީ އެކުދިންގެ ޒަރޫރަތްތައް އެގޮތަށް މަޖްބޫރުކުރާތީއެވެ. އެހެންކަމުން، އެކުދިންނަށް ލިބޭ އޮޕްޝަންއަކީ ފަހުން ނިންމާ ކުދިންނަށް ލިބޭ ހުރިހާ ފުރުސަތެއްވެސް ލިބޭ އޮޕްޝަންއަކަށްވާން ޖެހޭނެއެވެ.
ދަރިވަރުންގެ އަޑު އައްސަވާނެ ކަންފަތެއް ބޭނުން
ގިނަ ދަރިވަރުންނަށް ކުރެވިފައިވަނީ އަޅާނުލާ ބޭކާރުކޮށްލެވިފައިވާ ކަމުގެ އިހްސާސެކެވެ. ކުޅޭ ކުޅޭ އެއްޗެއްގޮތަށް އެކި ފަހަރު އެކި ގޮތް ހަދާލެވޭ ކަމުގެ އިހްސާސެވެ. ނިންމުންތައް ނިންމަނީ ދަރިވަރުންގެވެސް ލާބައަށްކަމުގައި ވާނެއެވެ. އެހެނަސް، ދަރިވަރުންގެ އަޑު ނޭހޭކަމާއި، ނިންމުންތައް ނިންމުމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ނުފޫޒަށް އެކަނި ބަރޯސާވެވޭކަމަށް ދަރިވަރުންނަށް ދެކެވެއެވެ.
"ސްކޫލުން ބޭނުންވަނީ ސްކޫލުގެ ނަތީޖާ ރަނގަޅުކުރަން. އެހެންވެ، ދަރިވަރުންގެ އުމުރު ގެއްލުނަސް، ލަސްކުރަން ބޭނުންވަނީ."
"ކޮންމެ ފަހަރަކުވެސް މި ގޮތް ނިންމަނީ މަދު ބައެއްގެ އޮޕީނިއަން އަށް. ޑިސިޝަނެއް ޗޭންޖުކުރާ ކޮންމެ ފަހަރަކު އެކަން މިދަނީ [ސްކޫލުގެ ނަން އުނިކުރެވިފަ] ގެ ޕްރިންސިޕަލާއި އެތަނުގެ ނުފޫޒު ގަދަ ބައެއް ބެލެނިވެރިން ބޭނުންވާ ގޮތަށް. ހީވާ ކަހަލަ އެހެން ތަންތަނުގަ އުޅެނީ ކިޔަވާ ކުދިންނެއް ނޫނޭ." މާލޭ ސްކޫލެއްގެ އިސް ދަރިވަރަކު ޝަކުވާތައް ބަންޑުންކޮށްލިއެވެ.
"އެމްއޯއީ ކުރިމަތީ މުޒާހަރާއެއް ކޮށްފަ، 3 ގަޑިއިރެއްހާ އިރު ތެރޭ ޑިސިޝަން ނެގީ. ކުއްޖެއްގެ ޚިޔާލެއްވެސް ނުހޯދާ. މިއީ އިންސާފެއްކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." އަސަރާއެކު ކުއްޖަކު ކިޔާދިނެވެ.
"ބަލަ ޓެސްޓު މި ހަދަނީ ދަރިވަރުންނެއް ނޫންތަ. ކީއްވެތަ ދަރިވަރުންގެ ގާތު އަހާ ނުލަނީ ކީއްތޯ ކުރަންވީ؟ ކިޔަވާ ހިތްވެސް ކެނޑިއްޖެ."
"އަސްލު މައްސަލައަކީ ގޮތެއް ނިންމާއިރުވެސް އަޅުގަނޑުމެންނާ ޓޯކް ނުކޮށްލާތީ. އަޅުގަނޑުމެންގެ ޚިޔާލު ހުރި ގޮތެއް ބަލާ ނުލާތީ." ރާއްޖޭގެ އުތުރުގެ ރަށެއްގައި ކިޔަވަމުންދާ ދަރިވަރެއް ބުންޏެވެ.
ދަރިވަރުން މިހާ ބޮޑު މާޔޫސް ކަމެއްގައި، ބައެއް ދަރިވަރުން ޑިޕްރެޝަންގެ ތުންފަތްމަތީގައި ތިބިއިރު، މިކުދިންގެ އަޑު އަހާލާ ހިތަށް ތަސައްލީއެއް ދޭނެ ކަންފަތްތަކެއް މިކުދިން ބޭނުންވެއެވެ. ހަމައެކަނި އަޑުއަހާލުންވެސް އެއީ މިކުދިންނަށް ލިބިގެންދާނެ ބޮޑު ރާހަތެކެވެ.