ރ. އަތޮޅުގައި ދުވަސްވީ ބޭފުޅުންގެ ފުޓްސަލް މުބާރާތެއް ބާއްވަނީ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 ހަފްތާ ކުރިން
1 މިނިޓް

ރ. އަތޮޅުގެ ރަށްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، "ރ. ވެޓެރަންސް ފުޓްސަލް ޗެލެންޖު 2025"ގެ ނަމުގައި ދުވަސްވީ ބޭފުޅުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އާރްޑީއޭ) އިން އިސްނަގައިގެން ފަށާ މި މުބާރާތް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ގަސްދުކުރާއިރު، މި އަހަރުގެ މުބާރާތް، ރަސްމާދޫ ކައުންސިލާއި ގުޅިގެން ފަށަން ތާވަލުކޮށްފައިވަނީ، ޖުލައި 1 ވަނަ ދުވަހު އެވެ.

ރ. އަތޮޅު ރަސްމާދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ހާއްސަ ކުރެވިފައިވަނީ ރ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އަދި މި މުބާރާތް އިންތިޒާމު ކުރައްވާ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ، އެރަށެއް ތަމްޞީލުކުރާ އެއް ޓީމަކަށެވެ. އަދި އެ ޓީމެއް ބައިވެރިވާން ޖެހޭނީ އެރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. ކޮންމެ ޓީމެއްގައި، 35 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދީފައިވާއިރު، ދެން ލިސްޓުގައި ހިމެނޭނީ 39 އަހަރުން މަތީގެ ކުޅުންތެރިންނެވެ.

ކުރީގެ ކުޅުންތެރިންނަށާއި ފުޓްސަލް އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު،  މިއަހަރުގެ މުބާތާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މި މުބާރާތާ ގުޅޭގޮތުން ރ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަށްވެސް މިހާރު ސިޓީ ފޮނުވާފައިވާއިރު، މި މުބާރާތާގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅާނެ ނަމްބަރަކީ، 9698745 އެވެ.

Copyright © 2025 Faaru News
Made with by Afeef & Noor